ދުނިޔެ

ޓްރަމްޕްގެ ސްޓްރެއިޓް އޮފް ހޯރްމުޒް އޮޕަރޭޝަނުގައި ބައިވެރިވުމަށް އެކުވެރި ގައުމުތަކުން ފަސްޖެހިއްޖެ

17 މާރިޗު 2026 - 09:30
ޓްރަމްޕްގެ ސްޓްރެއިޓް އޮފް ހޯރްމުޒް އޮޕަރޭޝަނުގައި ބައިވެރިވުމަށް އެކުވެރި ގައުމުތަކުން ފަސްޖެހިއްޖެ

ސްޓްރެޓީޖިކް ގޮތުން މުހިންމު ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް އެއްބާރުލުން ދިނުމަށް އެމެރިކާގެ މުހިންމު ބައެއް އިއްތިހާދީ ގައުމުތަކުން ދެކޮޅު ހަދައިފިއެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް %20 ހިއްސާކުރާ މި ހަނި ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރު ހިމާޔަތްކުރުމަށްޓަކައި، ހަނގުރާމަމަތީ މަނަވަރުތައް ފޮނުވައިދިނުމަށް ޓްރަމްޕްގެ ސަރުކާރުން އިއްތިހާދީ ގައުމުތަކަށް ވަނީ ގޮވާލާފައެވެ. ނަމަވެސް، ޖަޕާނާއި ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާތަނަށް ވަނީ އެކަމަށް ފަސްޖެހިފައެވެ. އެ ގައުމުތަކުން ސަބަބެއްގެ ގޮތުގައި ދައްކަނީ ގާނޫނީ ހުރަސްތަކާއި، ގައުމުގެ ދާހިލީ ސިޔާސީ ކަންބޮޑުވުންތަކުގެ އިތުރުން އީރާނާއެކު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރެވެ.

ގިނަ ގައުމުތަކެއްގެ އޮފިޝަލުން ވަނީ އަސްކަރީ ބާރުވެރިކަން އިތުރުކުރުމުގެ ބަދަލުގައި ޑިޕްލޮމެސީ ނުވަތަ ހާރިޖީ ގުޅުންތަކަށް އިސްކަންދިނުމަށް ބާރުއަޅުއްވާފައެވެ. އަދި އަސްކަރީ ހަރަކާތްތައް އިތުރުކުރުމަކީ ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމެއްގެ ގޮތުގައި އެ ބޭފުޅުން އިންޒާރު ދެއްވައެވެ.

މި ފަސްޖެހުންތައް ކުރިމަތިވެފައިވަނީ އެމެރިކާއާއި އިރާނާއި ދެމެދު ކުރިމަތިލުންތައް އިތުރުވެ، ކަނޑުދަތުރުފަތުރާއި ހަކަތައިގެ ސަޕްލައިއަށް ހުރަސްއެޅިދާނެ ކަމުގެ ބިރު އޮތުމުން ދުނިޔޭގައި އިގްތިސާދީ ކަންބޮޑުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އިއްތިހާދީ ގައުމުތަކުގެ އެހީތެރިކަން މަދުވި ނަމަވެސް، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ ހޯރްމުޒް ކަނޑުއޮޅީގައާއި އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0