ޚަބަރު

ފާޑުކިޔުންތައް އަމާޒުވެ 11 ދުވަސް ފަހުން އީރާނަށް ދޭ ހަމަލާތައް ސަރުކާރުން ކުއްވެރިކޮށްފި

10 މާރިޗު 2026 - 21:08
ފާޑުކިޔުންތައް އަމާޒުވެ 11 ދުވަސް ފަހުން އީރާނަށް ދޭ ހަމަލާތައް ސަރުކާރުން ކުއްވެރިކޮށްފި

މެދުއިރުމަތީގައި އިސްރާއީލާއި، އެމެރިކާ އަދި އީރާނުގެ މެދުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް ކުށްވެރިކޮށް، ހަމަނުޖެހުންތައް ފެށުނުތާ 11 ދުވަސް ފަހުން ދިވެހި ސަރުކާރުން ރަސްމީ ބަޔާނެއް ނެރެފިއެވެ.

ފެބްރުއަރީ 28 ގައި ފެށުނު މި ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރުން ބަޔާނެއް ނެރުން ލަސްވުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މާރިޗު 10 ވަނަ ދުވަހު ނެރުނު ބަޔާނުގައި، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، ކުވެއިތު އަދި ބަހްރޭން ހިމެނޭހެން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މީގެ އިތުރުން، އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތައް ވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.

ގަލްފު ސަރަހައްދުގެ އެއާޕޯޓްތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކުގެ އިތުރުން ތެޔޮ ރައްކާކުރާ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ މެދު ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ހިލާފު އަމަލުތަކެއް ކަމަށެވެ.

ސަރުކާރުގެ މި ބަޔާން ނެރުން ލަސްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މެދުއިރުމަތީގެ މަސްރަހު މިހާ ބޮޑަށް ގޯސްވެފައިވާއިރު، ރަސްމީ ބަޔާނެއް ނެރުމަށް ދެ ހަފުތާއާ ގާތްވާ މުއްދަތެއް ހޭދަވީ ކީއްވެގެންތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ބަޔާނެއް ނެރުނީ އާންމުންގެ ޕްރެޝަރު ބޮޑުވެ، ސަރުކާރުން ތާއީދުކުރާ ބަޔަކު ސާފުކޮށްދިނުމަށް ގޮވާލާ އަޑުތައް ގަދަވުމާ ގުޅިގެންނެވެ.

ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ މަސްރަހު ގޯސްވަމުންދާތީ "އިންތިހާއަށް ކަންބޮޑުވާ" ކަމަށާއި، މި ހަމަނުޖެހުންތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ހަމަޖެހުން އިތުރަށް ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ވަގުތުން ހަމަލާތައް ހުއްޓާލުމަށާއި، ސުލްހަ ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ފެބްރުއަރީ 28 ގައި ފެށުނު މި ހަމަނުޖެހުންތައް ދަނީ ދުވަހުން ދުވަހަށް ވަރުގަދަވަމުންނެވެ. މިއީ މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެ ހަނގުރާމައަކަށް ވެދާނެތީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0