މި ފެށުނީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު: މެޓް
ރާއްޖެއަށް އަހަރުގެ ތެރޭގައި އެންމެ ހޫނުގަދަވާ ދުވަސްވަރު މިހާރު ފެށިފައިވާ ކަމަށް ރާއްޖޭގެ ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ވިދާޅުވި ގޮތުގައި ކޮންމެ އަހަރެއްގެ ވެސް މާޗް މަހާއި އޭޕްރީލް މަހަކީ ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރެވެ.
މި ދުވަސްވަރުގެ މޫސުމީ ހާލަތަށް އަލިއަޅުވާލަމުން މެޓުން ވިދާޅުވީ، އުޑުމަތީގައި ވިލާ މަދުވެފައި ވައި މަޑުވުމުގެ އިތުރުން، ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާނެ ކަމަށެވެ. މީގެ އިތުރުން ދުވާލުގެ ހޫނުމިން މަތިވެގެންދާ މިންވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ މިންވަރާ ދެމެދު ހުންނަ ފަރަގު ކުޑަވެގެންދާނެ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
މި ސަބަބުތަކާ ހުރެ، އާންމު ވައިގެ ހޫނުމިނަށްވުރެ މީހުންނަށް އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ކުރިއަށް އޮތް އޭޕްރީލް މަހަށް ބަލާއިރު ވެސް، އާންމު ގޮތެއްގައި ހުންނަ މިންވަރަށް ވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާ ބެހޭ ކުރިއަށް ބަލާ ބެލުންތަކުން ދައްކާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ހޫނުމިން ހުންނަ މިންވަރު އާންމުންނަށް އަންގައިދިނުމުގެ ގޮތުން، މެޓް އޮފީހުގެ ވައިބާ ގްރޫޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ތިން ވަގުތެއްގައި މައުލޫމާތު ހިއްސާކުރަމުންދާނެއެވެ. އެގޮތުން ކޮންމެ ދުވަހަކު 11:00، 14:00 އަދި 17:00 ގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުންނަ މޫސުމާ ބެހޭ އޮފީސްތަކުން ނަގާ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާންމުކުރާނެއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، އާންމު ގޮތެއްގައި ދުވަހުގެ ހޫނުމިން އެންމެ މައްޗަށް ދާނީ މެންދުރުފަހު 14:00 ހާއިރު ކަމަށެވެ. އެހެންކަމުން މި ދުވަސްވަރު ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.






ރިއެކްޓް