އީރާނުގެ ރޫޙާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޢައްޔަނުކުރަން ނިންމައިފި
އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ޙަމަލާތަކެއްގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެން، އެ މަޤާމަށް އެ މަނިކުފާނުގެ ދަރިކަލުން މުޖުތަބާ ޙުސައިނީ ޚާމަނާއީ ޢައްޔަނުކުރުމަށް އީރާނުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އީރާނުގެ ޤާނޫނު އަސާސީގެ ދަށުން ރޫޙާނީ ލީޑަރު އައްޔަނުކުރުމުގެ ބާރު ލިބިގެންވާ 88 މެންބަރުންގެ މައްޗަށް އެކުލެވޭ ތަޖުރިބާކާރުންގެ މަޖިލީހުންނެވެ.
އެނގިފައިވާ ގޮތުގައި އައު ރޫޙާނީ ލީޑަރަކު ކަނޑައެޅުމުގައި ތަޖުރިބާކާރުންގެ މަޖިލީހުން ބަލާފައިވަނީ ޝަހީދުވި ޢަލީ ޚާމަނާއީ ކުރިން ދެއްވާފައިވާ އިރުޝާދުތަކަށެވެ. ޚާމަނާއީ އިރުޝާދު ދެއްވާފައިވަނީ އެ މަޤާމަށް އިސްކުރަންވާނީ ދުޝްމަނުންގެ ނަފްރަތު އެ ބޭފުޅަކަށް އަމާޒުވެފައިވާ ވަރުގަދަ ޝަޚުޞިއްޔަތެއް ކަމަށެވެ. މުޖުތަބާ ޚާމަނާއީއަކީ އެމެރިކާއިން ވަރަށް ބޮޑަށް ދެކޮޅުވެރިކަން ފާޅުކޮށްފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.
މި މަޤާމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ، މުޖުތަބާ ޙުސައިނީ އެ މަޤާމަށް ޢައްޔަނުކުރުމަކީ އެމެރިކާއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމެރިކާއިން ރުހޭ ބޭފުޅަކު އެ މަޤާމަށް އިސްނުކޮށްފިނަމަ، ޢައްޔަނުކުރާ ބޭފުޅަކަށް އެ މަޤާމުގައި ގިނަ ދުވަހު ދެމިނުހުރެވޭނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.
ތަޖުރިބާކާރުންގެ މަޖިލީހުގެ މެންބަރު އާޔަތުالله މުޙައްމަދު މަޙްދީ މިރުބަޣަރީ ވިދާޅުވީ، އައު ލީޑަރަކާމެދު މަޖިލީހުން މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް ޢައްޔަނުކުރުމުގެ މަރުޙަލާގައި ބައެއް ގޮންޖެހުންތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މަޖިލީހުގެ އެހެން މެންބަރެއް ކަމަށްވާ ހުއްޖަތުލް އިސްލާމް ޖައުފަރީ ވިދާޅުވީ، ވީ އެންމެ އަވަހަކަށް އީރާނުގެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ ނިންމުމެއް އިޢުލާނުކުރެވޭނެ ކަމަށެވެ.
ރޫޙާނީ ލީޑަރު އައްޔަނުކުރުމުގެ މަސައްކަތުގައި އިސްކޮށް ހުންނަވާ އާޔަތުالله ޙުސައިންއަލީ އެޝްކެވާރީ ހާމަކުރެއްވި ގޮތުގައި، މަޖިލީހުގައި މިހާރު ވަނީ ވޯޓު ނަގައި ނިންމާފައެވެ. އޭނާ ވިދާޅުވީ ޢަލީ ޚާމަނާއީ ވަކިވެދިޔަ ނަމަވެސް، އެ މަނިކުފާނުގެ ދަރިކަލުން މެދުވެރިކޮށް ޚާމަނާއީގެ ފިކުރާއި ނަންފުޅު ދެމިއޮންނާނެ ކަމަށެވެ.
މި ނިންމުމާ ގުޅިގެން ސަރަޙައްދީ މަސްރަޙު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އިސްރާއީލުން ވަނީ އައު ރޫޙާނީ ލީޑަރު ކަނޑައެޅުމަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. މިކަމުގެ ސަބަބުން އީރާނުގެ ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ.






ރިއެކްޓް