އީރާނުގެ މެހެރްއާބާދު އެއާޕޯޓަށް އެމެރިކާ އާއި އިސްރާއީލުން ހަމަލާ ދީފި
އިރާނުގެ ވެރިރަށް ތެހެރާންގެ މެހެރްއާބާދު އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައިވާ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް އެމެރިކާއާއި އިސްރޭލު ގުޅިގެން ދީފިއެވެ.
މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކާއި އިންޓަނެޓްގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޭ ދުވަހުގެ ރޭ ދަންވަރު އެއާޕޯޓް ކޮމްޕްލެކްސް ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާއިރު، އެ ސަރަހައްދުގެ ބައެއް ތަންތަނުން ބޮޑެތި އަލިފާންގަނޑުތަކާއި ބޯ ދުން އަރަމުންދާ މަންޒަރު ފެނެއެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި، މި ހަމަލާތައް އަމާޒުވެފައިވަނީ އެއާޕޯޓްގެ ތެރޭގައި ހުރި ބޯޓުތައް ބަހައްޓާ ހޭންގަރުތަށް ހުރި ސަރަހައްދުތަކަށެވެ. ތެހެރާންގެ މައި އެވިއޭޝަން ހަބްތަކުގެ ތެރޭގައި ހިމެނޭ މެހެރްއާބާދު އެއާޕޯޓަކީ އީރާނުގެ އެއާފޯސް އިން ބޭނުންކުރާ އަސްކަރީ މަރުކަޒެއް ވެސް ހުންނަ ތަނަކަށް ވުމުން، މިއީ އަސްކަރީ ގޮތުން ވަރަށް މުހިންމު ތަނެކެވެ.
މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްސީލެއް އޮފިޝަލުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހަމަލާގައި އެއްވެސް ބޯޓަކަށް ނުވަތަ އަސްކަރީ ވަސީލަތަކަށް ގެއްލުންވި ކަމެއް އަދި ސާފެއް ނުވެއެވެ. މީގެ އިތުރުން، މި ހަމަލާގައި މީހަކަށް ގެއްލުމެއް ލިބުނުކަން ވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހަމަލާ ދީފައިވަނީ މެދުއިރުމަތީގައި މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދެމުންދާއިރު، އީރާނުން ވަނީ އެ ގައުމުގެ ބިމަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.






ރިއެކްޓް