ހަނގުރާމަ ކުރާތީ ކަމަށް ބުނެ ދަތުރު ކެންސަލް ކުރި އުމްރާ ގުރޫޕް ސަސްޕެންޑުކޮށްފި
މެދުއިރުމަތި މިހާރު އޮތް މަޝްރަހަށް ބަލައި މިމަހު 26 ގެ ފަހުން ވާނެ ގޮތް ނޭނގޭތީ، ރިސްކު ނަގަން ބޭނުން ނުވާކަމަށްބުނެ ދަތުރު ކެންސަލްކުރި އަލްއަބްރާރް ގުރޫޕުން ދަތުރު ކެންސަލްކުރީ މަގުބޫލު ސަބަބެއް ނެތި ކަމަށް ވާތީ އެ ގުރޫޕަށް ދީފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން މިއަދުން ފެށިގެން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފިއެވެ.
މި ދަތުރު ތާވަލްކޮށްފައި އޮތީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 26 ގެ ނިޔަލަށެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަބްރާރު ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރަން ހަމަޖެއްސި މީހުންގެ ދަތުރު އެންމެ ފަހު ވަގުތު ކެންސަލްކުރި މައްސަލާގައި ޝަކުވާ ލިބުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެނގުނީ، ދަތުރު ކެންސަލް ކޮށްފައި ވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި، ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމުގެ އުސޫލާ ހިލާފަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
"މި ސަބަބަށްޓަކައި، މި ކުންފުންޏަށް ދޫކުރެވިފައިވާ ދިވެހިރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމާ ބެހޭ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި، އެކަން އެ ކުންފުންޏަށް މިހާރު ވާނީ އަންގައިފަ އެވެ،" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އަދި އެ ކުންފުންޏާ މެދު އުސޫލުގެ ތެރެއިން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފައެވެ.
އަބްރާރު ގުރޫޕު މެދުވެރިކޮށް އުމްރާ އަށް ފުރަން ތައްޔާރުވި މީހުން ތުހުމަތުކުރާ ގޮތުގައި އެ ކުންފުންޏަކުން އުމްރާ އަށް ގެންދިއުމުގެ ހުއްދަ އާއި ވިސާ އަދި ހޮޓަލަށް ވެސް ފައިސާ ދައްކާފައެއް ނުވެއެވެ.
އެކަމާ ގުޅިގެން އަބްރާރް ގުރޫޕްގެ އެމްޑީ ޢައްފާން އޮންލައިން ނޫހަކަށް ދިން ބަސްދީގަތުމެއްގައި ބުނީ، އުމްރާ މީހުން ގެންދިޔުމަށް ހުއްދަ ހޯދަން މިނިސްޓްރީއަށް މެއިލް ކުރި ކަމަށާ އެހެން ނަމަވެސް، އެ މެއިލް މިނިސްޓްރީއަށް ނުދިޔައީ ކަމަށެވެ.
މި ދަތުރު ކެންސަލްވުމުގެ ސަބަބުން ނުފުރުނު މީހުންގެ ތެރެއިން 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ވަނީ ޖާގަ ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ އަބްރާރް ގުރޫޕުގެ ސަބަބުން އުމްރާ އަށް ނުފުރި ތިބި މީހުންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް މިހާރު ބަލަމުން އަންނަ ކަމަށެވެ.






ރިއެކްޓް