ޚަބަރު , ސިޔާސީ

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވަނީ ޔުނިވާސިޓީތަކުން އިންވޮއިސް ފޮނުވުން ލަސްވާތީ: ހައިދަރު

4 މާރިޗު 2026 - 11:46
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވަނީ ޔުނިވާސިޓީތަކުން އިންވޮއިސް ފޮނުވުން ލަސްވާތީ: ހައިދަރު

ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ބައެއް ފަހަރަށް ލަސްތަކެއް ދިމާވަނީ ޔުނިވާސިޓީތަކުން މިނިސްޓްރީއަށް އިންވޮއިސް ފޮނުވުން ލަސްވުމުގެ ސަބަބުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 75 އިންސައްތަ ދަރިވަރުންނަށް މިހާރުވެސް ގަވާއިދުން ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.

ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ބައެއް ކަހަލަ ޕޭމަންޓްތަކުގައި ލަސްތަކެއް އުޅޭކަމީ ތެދެއް ކަމަށެވެ. މިގޮތުން ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދަނީ ތިން އިދާރާއަކުން ބަލައި ޗެކްކުރުމަށްފަހު ކަމަށްވާއިރު، ބައެއް ފަހަރަށް ޔުނިވާސިޓީތަކުން އިންވޮއިސް ފޮނުވާއިރު ޑެޑްލައިނަށް އޮންނަނީ އެންމެ ހަފްތާއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެހެންވީމަ ވާ ގޮތަކީ އެ ޑެޑްލައިނާ އަޅުގަނޑުމެން މީޓް ކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވޭ،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ފައިސާ ދޫކުރުން ލަސްވާ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށާއި، ނަމަވެސް މިހާރު އެ ނިޒާމު ކުރިއަށްވުރެ ބޮޑަށް ހަރުދަނާކޮށް ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުލިބިގެން ކޯސް ދޫކޮށްލަން ޖެހުނު ކަމަށް ބުނާ މައްސަލަތަކެއް މިދިޔަ ޑިސެމްބަރު މަހު ފެންމަތިވި ނަމަވެސް، މިނިސްޓްރީން ބުނެފައިވަނީ އެފަދަ އެއްވެސް މައްސަލައެއް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ދަރިވަރުންނަށް ވަގުތުން ފައިސާ ލިބެމުންދާނެ ކަމަށާއި، ބައެއް ދަރިވަރުންނަށް މުއްދަތު ހަމަވުމުގެ ކުރިންވެސް ފައިސާ ދޫކޮށްފައިވާނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، އެކި ސަބަބުތަކާހުރެ ފައިސާ ނުދެވި ހުންނަ މައްސަލަތައް މަދުކުރުމަށް މިނިސްޓްރީން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0