ޚަބަރު , ސިޔާސީ

ސައީދުގެ އިސްތިއުނާފު ލަސްވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

1 މާރިޗު 2026 - 17:30
ސައީދުގެ އިސްތިއުނާފު ލަސްވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
ރައީސް ނަޝީދު

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު މަރުހަލާ ލަސްވަމުންދާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

މި މައްސަލަ މިއަހަރުގެ ޖެނުއަރީ މަހު ހައިކޯޓުން ބަލައިގަނެފައިވީ ނަމަވެސް، މިހާތަނަށް ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ "ސައީދުގެ އިސްތިއުނާފު ކޯޓުގައި ތާށިވެފައި އޮތުމަކީ ކަންބޮޑުވުމެއް" ކަމަށެވެ. އަދި ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ އިސްތިއުނާފު ކުރުމުގެ ހައްގަށް ހުރަސް އެޅިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައީ 2019 ވަނަ އަހަރު ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި އެ ކުންފުންޏަށް ފައިސާ ދޫކުރި މައްސަލައިގައެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ، ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަސް ދުވަސް ކަމަށް ވިޔަސް، ގާޒީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ކަނޑައެޅީ ކަމަށެވެ.

މީގެ އިތުރުން، ލ. މާމެންދޫގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ އެހެން މައްސަލައެއްގެ ދައުވާވެސް ސައީދުގެ މައްޗަށް ވަނީ އުފުލާފައެވެ. ނަމަވެސް އެ ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.

ސިއްހީ ހާލަތާ ގުޅޭ ކަންބޮޑުވުންތަކެއް ހުރުމުން، ސައީދު މިހާރު ހުންނެވީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0