މައި ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ފެނޭތޯ ނަގާ ވޯޓު އެޕްރީލް 4 ވަނަ ދުވަހު ނެގުމަށް ރައީސްގެ ގަރާރަކުން ނިންމަވައިފި
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ކުރިޔަށް އޮތް "ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026" ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފައިވާ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ނިންމަވައިފިއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ފާސްކުރައްވައިފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެ އިސްލާހުގައި ލާޒިމުކޮށްފައި ވެއެވެ.
ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި ޚިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުންގެ ކިބައިން ކުރާނޭ ސުވާލަކީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިފަދައިންނެވެ.
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެ ބިލުގައި ހިމެނޭ އިޞްލާޙުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ޙާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ. އަދި ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގައި، ރައްޔިތުން ރުހޭތޯ ބެލުމަށް ޓަކައި ނަގާ ވޯޓެއްގައި، އެ އިޞްލާޙު ގެނައުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށާއި، އެ އިޞްލާޙެއް ގެނައުމަށް އެ ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.






ރިއެކްޓް