ކޮލަމް

ދެ އިންތިހާބު އެއްކޮށްލުން – ހެޔޮ ބަދަލެއްތަ؟ ސިޔާސީ އަނދުނެއްތަ؟

22 ޖަނަވަރީ 2026 - 09:19
ދެ އިންތިހާބު އެއްކޮށްލުން – ހެޔޮ ބަދަލެއްތަ؟ ސިޔާސީ އަނދުނެއްތަ؟

ރިޔާސީ އަދި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ގާނޫނު އަސާސީއަށް ގެންނަ މި ބަދަލަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ. ދެ އިންތިހާބު އެއްކޮށްލުމަކީ ރަނގަޅެއް ހެއްޔެވެ؟ ނުވަތަ މިކަމުން ރައްޔިތުން އެދޭ ބަދަލު ފެންނާނެ ހެއްޔެވެ؟

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ ފައިސާއަށް ވާ ގޮތް ނޭނގުމެވެ. ކަންމަތީ ފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކަށް ރައްޔިތުން ސަރުކާރަށް ޓެކްސް ދައްކައެވެ. ދައުލަތުގެ ވަސީލަތްތަކުން ސަރުކާރަށް އާމްދަނީ ވަދެއެވެ. ވަސީލަތްތަކުގެ މިލްކުވެރިންނަކީ ރައްޔިތުންނެވެ. އެތައް ބިލިއަން ރުފިޔާގެ އާމްދަނީ ވަންނަ ގައުމުގެ އާމްދަނީގެ ވަރަށް ބޮޑު ބައެއް ރައްޔިތުންގެ ބޭނުންތަކަށް ހަރަދުނުކޮށް، ގެއްލިގެން ދަނީ ކޮރަޕްޝަނުގެތެރެއިންނެވެ. ސިޔާސީ ތާއީދު ހޯދުމުގެ މައްޗަށް ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ލޯނުގެ ގޮތުގައެވެ. އަދި އިސްރާފަށެވެ. ދައުލަތުގެ ފައިސާ އިސްރާފުނުކޮށް، ގައުމީ ތަރައްގީގެ ޕްލޭނެއްގެ ތެރެއިން ހަރަދުކުރަމުން ނުދެއެވެ. ކޮންމެ ސަރުކާރެއްގެ މަޝްރޫއުތައް ވަނީ އިތުރުވާ ދައުލަތުގެ ދަރަންޏަށެވެ.

ސަރުކާރުގެ ތެރެއިން ހިންގާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ނުބެލެއެވެ. މަޝްރޫއުތައް ހިންގަން ދެނީ ހިނގާނެ ހަރަދުގެ އެތައް ގުނަ ބޮޑުކޮށް، ސިޔާސީ ކަޓު ކޮންމެ މަޝްރޫއަކުންވެސް ލިބޭނެ ގޮތަށެވެ. ރައްޔިތުންގެ ފައިސާއަށް ވާނުވާ ގޮތް ބަލައި ޒިންމާދާރުކުރަން ހަދާފައިވާ މުޢައްސަސާތައް މަސައްކަތްނުކުރެއެވެ. އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންގެ މަޖްލީހުގެ އަގުލަބިއްޔަތު އޮތް ބަޔަކަށް ހުރިހާ މިނިވަން މުޢައްސަސާތަކާއި ޝަރުއީ ދާއިރާގެ ކޮންޓްރޯލު ލިބުމެވެ. ރައްޔިތުންގެ މަޖްލީހުގެ އަގުލަބިއްޔަތު ލިބެމުން ދަނީ އެ އިރަކު ސަރުކާރުގައި ތިބޭ ބަޔަކަށެވެ. މި ފަހުން ރައްޔިތުން ސަރުކާރުތަކަށް ދެމުން އައީ ސްޕަރ މެޖޯރިޓީއެވެ. ސަރުކާރަށްހިތަކަށް މުޅި ދައުލަތް ލިބެނީއެވެ.

ދެ އިންތިހާބު އެއްކުރުމުން މިއިން އެއްވެސް ކަމަކަށް ބަދަލު އަންނާނެ ހެއްޔެވެ؟ ނާންނާނެ ނަމަ މި ބަދަލުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ދެ އިންތިހާބެއް އެއްކޮލުމުން ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވެނީ 65 - 70 މިލިއަން ރުފިޔާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ސަލާމަތްކުރެވޭ އަދަދު 5 އަހަރަށް ބަހާލާނަމަ އެއީ 14 މިލިއަން ރުފިޔާއެވެ. ދައުލަތުން ކުރާ އެންމެ ބޮޑު އިސްރާފަކީ، އަދި އެންމެ ބޮޑު ހަރަދަކީ ފަސް އަހަރުން އެއް އަހަރު ރައްޔިތުންގެ މަޖްލީސް އިންތިހާބު ބޭއްވުން ހެއްޔެވެ؟

ރައްޔިތުންގެ މަޖްލީސް މެންބަރުންގެ ހާއްސަ އިންޝުއަރެން ހިމެނޭހެން މިއަހަރު ދައުލަތުގެ ހާއްސަ އިންޝުއަރެންސްއަށް 90 މިލިއަން ހަރަދުވެއެވެ. މާ ބޮޑު މަސައްކަތެއް ނެތް ބޭރުގައި ހުރި ދިވެހި ރާއްޖޭގެ އެމްބަސީތަކުގެ ހަރަދަށް މި އަހަރު 270 މިލިއަން ރުފިޔާ ހޭދަކުރެއެވެ. ސިޔާސީ މުވައްޒަފުންގެ މުސާރައާ ސިޔާސީ ތާއީދު ދަމަހައްޓަން ދީފައިވާ ވަޒީފާތަކަށް ބިލިއަނުން ހަރަދު ހިނގާނެއެވެ. ދެ އިންތިހާބު އެއްކޮށްލައިގެން ސަލާމަތްކުރަން މި އުޅެނީ ކޮން ހަރަދެއްބާއެވެ؟

ރައްޔިތުންނަށް އެނގުންވާ ބަދަލެއް ރާއްޖެއަށް އަންނާނީ ރިޔާސީ ބާރުތައް ހަނިކޮށްގެނެވެ. ރައީސުލްޖުމްހޫރިއްޔާ އާ ސަރުކާރު ޒިންމާދާރުކުރެވޭނެ ގޮތަކަށް ގާނޫނީ ބަދަލުތަކެއް ގެނެވިގެނެވެ. ރައްޔިތުންގެ މަޖްލީހުން ސަރުކާރު ޒިންމާދާރުކުރެވޭނެ ގޮތް ވެގެނެވެ. މިނިވަން މުޢައްސަސާތަކާއި ކޯޓުތަކަށް ސަރުކާރަށް ނުފޫޒު ނުފޯރުވޭނެ ގޮތަށް ބަދަލުތަކެއް ގެނެވިގެނެވެ. ރައްޔިތުންގެ ފައިސާއަށް ވާ ގޮތް ރައްޔިތުންނަށް އެނގިގެނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ލިމިޓްކޮށްގެނެވެ. ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ ތާއީދު ހޯދަން މުވައްޒަފުން ނެގުން ހުއްޓުވައިގެނެވެ.

ދެ އިންތިހާބު އެއްކޮށްލެވިދާނެއެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައަކަށް ހައްލު ނުލިބެއެވެ. ދެން އިންތިހާބު އެއްކޮށްލުމަކީ ރައީސް މުޢިއްޒު ޖައްސަވާ ސިޔާސީ ހިސާބުގައި ސަރުކާރަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ފޯމިއުލާއަށް ވެދާނެއެވެ. އަދި އެކަމުގެ ފައިދާ އޮތީ އިދިކޮޅު ޕާޓީތަކަށް ކަމަށް ވެސް ވެދާނެއެވެ. ހެޔޮ ބަދަލަކަށް ވުރެ ފެންނަނީ ސިޔާސީ އަނދުނެކެވެ. ރައްޔިތުން ތިބޭނީ ހަމަ މިހާރުވެސް މި ކުރާ ޝަކުވާތައް މަތީގައެވެ. އަނެއްކާވެސް އެދެވޭނީ ބަދަލަކަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0