ފިނީގެ ސަބަބުން ގާޒާގައި 8 ކުޑަކުދިން މަރުވެއްޖެ
ފިނި މޫސުމުގެ ނުރައްކާތަކާއި، ކާބޯތަކެތީގެ ދަތިކަމާއި، އަސާސީ ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ގާޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އިންސާނީ ކާރިސާ އިތުރަށް ގޯސްވެއްޖެ އެވެ.
ގަދަ ފިންޏަށް ކެތްނުކުރެވިގެން މިހާތަނަށް އަށް ކުޑަކުދިން ނިޔާވެފައިވާއިރު، އޭގެ ތެރޭގައި އަލަށް އުފަންވި ތުއްތު ކުއްޖަކުވެސް ހިމެނެ އެވެ. ގެދޮރު ގެއްލިފައިވާ އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ތޫފާންތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ، ރައްކާތެރިކަމެއް ނެތް ވަގުތީ ހިޔާވަހިކަންތަކުގަ އެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނުގައި މުވައްޒަފުންނާއި، ބޭހާއި، މެޑިކަލް ސާމާނު އިންތިހާއަށް މަދުވުމުގެ ސަބަބުން އަސާސީ ސިއްހީ ހިދުމަތްތައް ދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ގާޒާގެ އާބާދީގެ ހަތަރުބައިކުޅަ ތިންބައި މީހުން ކާބޯތަކެތީގެ ނުރައްކާތެރި ހާލަތަކަށް ހުށަހެޅިފައިވާއިރު، ފެނާއި ނަރުދަމާގެ ނިޒާމުތައް ހަލާކުވެފައިވުމުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އެހީދޭ ޖަމާއަތްތަކުން އިންޒާރުދޭ ގޮތުގައި، ގަދަ ފިންޏާއި، ބަނޑުހައިހޫނުކަމާއި، ސިއްހީ ނިޒާމު އިނދަޖެހުމުގެ ސަބަބުން ގާޒާގައި ވަނީ އެކިއެކި ކާރިސާތައް އެއްފަހަރާ ކުރިމަތިވެފަ އެވެ. ސަރަހައްދީ ނުތަނަވަސްކަމުގެ ތެރޭގައި އިތުރު ފުރާނަތައް ގެއްލިގެން ދިޔުން ހުއްޓުވުމަށްޓަކައި، އެއްވެސް ހުރަހެއް ނެތް ގޮތެއްގައި ދާއިމީކޮށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް އެ ޖަމާއަތްތަކުން ދަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަމުންނެވެ.






ރިއެކްޓް