އިރާނަށް ހަމަލާ ދޭން ސައުދީގެ ވައިގެސަރަހައްދު ބޭނުމެއް ނުކުރެވޭނެ
ސަރަޙައްދީ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އީރާނަށް ދޭ އެއްވެސް އަސްކަރީ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެކަން އެ ގައުމުން ހާމަކޮށްފި އެވެ.
މިކަން ސައުދީން ހާރިޖީ ވަސީލަތްތައް މެދުވެރިކޮށް އީރާނުގެ އިސްވެރިންނަށް ސީދާކޮށް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސައުދީގެ މި ނިންމުން އައިސްފައިވަނީ، އެމެރިކާއާއި އެ ގައުމުގެ ބައިވެރިން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންދާ ދަނޑިވަޅެއްގަ އެވެ. މީގެ ސަބަބުން މުޅި ސަރަޙައްދަށް ހަނގުރާމަ ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް ސައުދީން ނިންމި ނިންމުމުގެ ސަބަބުން، ހަލީޖުގެ ވައިގެ ސަރަހައްދަށް ބަރޯސާވެގެން ދޭން ރާވާ އެއްވެސް ހަމަލާއަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ.
ސައުދީގެ އިސް މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެ ގައުމުގެ އެންމެ ބޮޑު ބޭނުމަކީ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ، ސަރަހައްދީ ބޮޑު ހަނގުރާމައަކުން ސަލާމަތްވުމެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އަލުން ހާރިޖީ ގުޅުން ގާއިމުކުރުމަށްފަހު، ގުޅުން އިތުރަށް ބަދަހިކޮށް ހަމަޖެހުން ގާއިމުކުރުމަށް ސައުދީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެއްކަން ވެސް ފާހަގަކުރެވެ އެވެ.






ރިއެކްޓް