ޚަބަރު

ރައްޔިތުންގެ މަޖިލިސް ހުޅުވުން ފެބްރުވަރީ 5 ގައި

11 ޖަނަވަރީ 2026 - 16:59
ރައްޔިތުންގެ މަޖިލިސް ހުޅުވުން ފެބްރުވަރީ 5 ގައި
ފޮޓޯ; މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުވަރީ މަހުގެ 5 ވާ ހޯމަ ދުވަހު ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.

މަޖިލިސް ހުޅުވުމަށް ބާއްވާ މި ހާއްސަ ޖަލްސާގައި، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވާނެއެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ އަހަރުގެ މަސައްކަތްތައް ފެށިގެންދާ ދައުރެވެ.

މަޖިލިސް މިވަގުތު ޗުއްޓީގައި އޮތް ނަމަވެސް، ރައީސް މުއިއްޒު ބޭނުންފުޅުވާ ބައެއް ކަންކަން ނިންމުމަށްޓަކައި ދާދިފަހުން މަޖިލީހުގެ ޖަލްސާތަކެއް ވަނީ ބާއްވާފަ އެވެ. އަދި މީގެ ކުރިން ދައުރުން ބޭރުންވެސް ބައެއް ޖަލްސާތަކެއް ކުރިއަށް ގެންގޮސް ރައީސްގެ އިރުޝާދާއި އެއްގޮތަށް ބައެއް ގާނޫނުތަށް ވަނީ ހަދާފަ އެވެ.

މި ފެށޭ ދައުރުގައި މަޖިލީހުން އެންމެ ފުރަތަމަ ނިންމާނެ ކަމަށް ބެލެވެނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ބިލުގެ މަސައްކަތެވެ. މި ބިލު ފާސްކޮށްފިނަމަ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތުން 6 މަސް ދުވަސް މަދުވާނެ އެވެ.

މަޖިލިސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0