ސަރުކާރުން ލިޔެފައިދޭ ޚުތުބާތައް ކިޔުން ލާޒިމުކޮށްފައި އޮންނަނީ ފިކުރީ މިނިވަންކަން ނޯންނަ ގައުމުތަކުގައި: ޑރ. ދީދީ
ސަރުކާރުން ލިޔެފައި ދޭ ގޮތަށް އެކަނި ޚުތުބާ ކިޔުމަށް ލާޒިމުކޮށްފައި އޮތުމަކީ ފިކުރާއި ރައުޔުގެ މިނިވަންކަން ނޯންނަ ޤައުމުތަކުގައި ގެންގުޅޭ ސަގާފަތެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ދީދީ ވިދާޅުވީ ޚުލަފާއުއް ރާޝިދޫން ގެ ސީރަތަށް ބެލުމުން އެކަން އެނގޭ. ޚުދުމުޚުތާރު ވެރިންނަށް ނަޞޭޙަތް ދިނުމަކީ ޚަޠީބުންގެ ޒިންމާއެއް ކަމަށާއި ހަމައެކަނި ސަރުކާރުން ލިޔެފައިދޭ ޚުތުބާތައް ކިޔުން ލާޒިމުކޮށްފައި އޮންނަނީ ޢާންމުގޮތަކަށް ފިކުރާއި ރައުޔުގެ މިނިވަންކަން ނޯންނަ ޤައުމުތަކުންކަން ފާހަގަކުރެވޭކަމަށެވެ.
އަދި ހުކުރު ޚުޠުބާޔަކީ ކޮންމެހެން އެއް މައުޟޫޢަކަށް ލިޔެގެން ހުރިހައި މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫން ކަމަށާއި ހުކުރު ޚުޠުބާ ދެވޭ ފެންވަރުގެ ޢިލްމާއި ޤާބިލުކަން ލިބިގެންވާ ކޮންމެ މީހަކަށް ޚުޠުބާ ދިނުމުގެ ހުއްދަ ދިނުމާއެކު، އެ މީހަކަށް ފެންނަ، އެއިރެއްގެ ޙާލަތާ ގުޅޭ މައުޟޫޢެއް އިޚުތިޔާރުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.
އޭގެ އިތުރުން ހުކުރު ޚުޠުބާގެ މައުޟޫޢަކީ އަބަދު މަކާރިމުލް އަޚުލާޤާ ގުޅިފައިވާ މައުޟޫޢަކަށް ވާކަށް ނުޖެހޭ ކަމަށްވެސް ދީދީ ވިދާޅުވިއެވެ.
ޑރ. ދީދީ މިފަދައިން ވިދާޅުވީ ހުކުރި ޚުތުބާގެ މަޢުލޫތައް ބައްޓަންކުރުމަށް ސަރުކާރުން އާއްމުންގެ ޚިޔާލަށް ހުޅުވާލުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.






ރިއެކްޓް