ބޭސް ނުލިބޭ މައްސަލަ ހައްލުވާ ތަން އެބަ ފެނޭ: ނާޒިމް
ބޭސް ނުލިބުމުގެ މައްސަލަ ހައްލުވަމުން އަންނަ ތަން ފެންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޑޮކްޓަރުން ލިޔެދޭ ބޭސް ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށާއި އެހެންނަމަވެސް ހުރިހާ ބޭހެއް އަބަދު ރާއްޖޭގައި ލިބެން ނުހުންނަ ކަމަށެވެ.
ނާޒިމް ވިދާޅުވީ ރާއްޖެއަކީ ބޭރުން ބޭސް އެތެރެކުރާ ގައުމަކަށް ވެފައި، ބޭހުގެ ދަތިކަން އަބަދުވެސް ކޮންމެވެސް މިންވަރެއްގައި ކުރިމަތިވަމުން ދާ ކަމަށެވެ.
އެހެންނަމަވެސް، މި މައްސަލައަށް މިހާރު ލުއި ލިބޭ ތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިން އެސްޓީއޯއިން ގެންނަ ބޭހުގެ ބްރޭންޑުތައް ނުވަތަ ޖެނެރިކް އެތައް ސަތޭކަ ވައްތަރަކަށް މިހާރު އިތުރުކުރެވި، އެސްޓީއޯގެ ސަޕްލައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިތުރުކޮށްފިން. އޭގެ ސަބަބުން ކުރިން އޮތް ދަތި ހާލަށް ވުރެ ރަނގަޅު ހާލަތަކަށް މިހާރު އާދެވިއްޖެ ކަމަށް އަޅުގަނޑުމެނަށް ގަބޫލުކުރެވޭ," ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވިނަމަވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ.






ރިއެކްޓް