ފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އަހުމަދު ހަތަރު އަހަރަށް ޖަލަށް ލީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ގައެވެ.
މި މައްސަލަ ސައީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު, މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމައެވެ.
ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކޮށް ނާޖާއިޒު މަންފާ ހޯދައިދިން މައްސަލައިގައެވެ.
އިސްގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވެފައިވަނީ، މި މައްސަލައިގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަސް ކަމަށާއި، އަދަބު މަތިވާ ހާލަތެއް ނެތްކަމަށް ދައުލަތުން ބުނި ނަމަވެސް، ގާޒީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބު ކަނޑައެޅުމަށް ނިންމެވި ކަމަށެވެ.






ރިއެކްޓް