ފަލަސްތީނުގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކޮށްފި
ފަލަސްތީނުގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން އެގަމުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ގަރާރަކުން މަނާކޮށްފިއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ އިތުރުން 5 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށް މި ގަރާރު ނެރެފައިވަނީ އިއްޔެއެވެ.
މި ގަރާރުގައި އެމެރިކާއަށް ވަނުން މަނާކޮށްފައިވަނީ ފަލަސްތީނާއި ސީރިޔާގެ އިތުރުން އެފްރިކާ ބައްރަށް ނިސްބަތްވާ ނައިޖީރިއާ، މާލީ، ދެކުނު ސޫދާން އަދި ބުރުކީނާ ފާސޯގެ ޕާސްޕޯޓުގައި އެތެރެވުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.
މި ގަރާރުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިޝާރާތްކޮށް ބުނެފައިވަނީ "ފަލަސްތީނުގެ އިދާރާތަކުން ދޫކުރާ ލިޔުން ހިފައިގެން އަންނަ މީހުން" މިފަދައިންނެވެ. މިހެން ގަރާރުގައި ލިޔެފައިވަނީ އެމެރިކާއިން ފަލަސްތީނަކީ ގައުމެއްގެ ގޮތުގައި ގަބޫލުނުކުރާތީ ކަމަށް ބެލެވެއެވެ.
ޓްރަމްޕު ވަނީ މިއަހަރުގެ ޖޫންމަހުގައި 12 ގައުމަކުން އެގައުމަށް އެތެރެވުން މަނާކޮށް ގަރާރެއް ނެރެފައެވެ. މި ގައުމުތަކުގެ ތެރޭގައި އީރާނާއި އަފްގާނިސްތާން އަދި ލީބިޔާ ހިމެނެއެވެ.






ރިއެކްޓް