ސަރުކާރުގެ ބިލްތައް ދައްކައި ނިންމަން އަނެއްކާ ވެސް އާ ތާރީހެއް!
ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ 5 ހަފްތާގެ ތެރޭގައި އެއްކޮށްދީ ނިންމާނެ ކަމަށް ވިދާޅުވި ފަހުން އަނެއްކާ ދެ ވަނަ ތާރީހެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަވައިފިއެވެ.
އެކިއެކި ތާރީހުތައް ދެއްވުމަށް ފަހު ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި ދައްކައި، ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވީ މިދިޔަ މަހު 2 އެއްގަ އެވެ,
ނަމަވެސް، ފަސް ހަފްތާ ފާއިތުވިއިރު ވެސް ފައިސާ ދައްކައި ނިމިފައިނުވެއެވެ. ފަހުން ރާގު ބަދަލުކުރައްވައި ވިދާޅުވެފައިވަނީ ފަސް ހަފްތާ ތެރޭގައި ފައިސާ ދޫކުރަން ފަށާފައިވާ ކަމަށާއި ނޮވެންބަރު މަހުގެ ނިޔަލަށް ފައިސާ ދީ ނިންމާނެ ކަމަށެވެ.
މި މަސް ނިމެން ކުޑަ ތަން ވެފައިވަނިކޮށް ރޭ މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވަނީ އަނެއްކާ ވެސް އާ ތާރީހެއް ދެއްވައިފައެވެ.
މި ޖަލްސާގައި ބިލްތަކަށް ފައިސާ ނުލިބޭތީ ވިޔަފާރިވެރިއަކު ކުރި ޝަކުވާތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ، ނުދައްކާ ހުރި އެތައް ބިލިއަން ފައިސާ މި އަހަރު ނިމުމުގެ ކުރިން ދައްކައި ހަލާސްކުރާނެ ކަމަށެވެ.
އަދި އޭގެ ފަހުން ގަވައިދުން ބިލްތަކަށް ފައިސާ ދައްކާނެ ކަމަށާއި ކޮންމެ ބިލެއް ވެސް ހުށަހަޅާތާ 14 ދުވަސް ތެރޭގައި ފައިސާ ލިބިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.






ރިއެކްޓް