ޚަބަރު

ގެއްލުނު ކޮންޓެއިނަރުތަކުގައި ހުރި ސިނގިރޭޓް ހޯދުމަށް ޢާއްމުންގެ އެހީތެރިކަމަށް އެދިއްޖެ

4 ނޮވެންބަރު 2025 - 20:29
ގެއްލުނު ކޮންޓެއިނަރުތަކުގައި ހުރި ސިނގިރޭޓް ހޯދުމަށް ޢާއްމުންގެ އެހީތެރިކަމަށް އެދިއްޖެ
ބަދަލުގައި ބެހެއްޓި 2 ކޮންޓެއިނަރު--

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޢާއްމުންގެ އެހީއަސް އެދިއްޖެއެވެ.

ފުލުހުންގެ މީޑިއާ ގުރޫޕުގައި ހިއްސާކުރި ބަޔާނެއްގައި ފުލުހުން ބުނީ "އެ ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް ފަރާތަކަށް އެނގޭ ކަމަށްވާނަމަ، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން" އެދޭ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައި، 2025 އެޕްރީލް 26 ވަނަ ދުވަހު ވަގަށް ނަގައިފައިވާ މައްސަލަ ފުލުހަށް ފުރަތަމަ ހުށަހަޅާފައިވަނީ 2025 އޮކްޓޫބަރު 09 ވަނަ ދުވަހުއެވެ.

މައްސަލައިގެ އަދާހަމަ ހާމަކުރަމުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޖުމުލަ 9 މީހަކު ހައްޔަރުކޮށް، ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައި ކަމަށާއި އަނެއް 2 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް 2025 ނޮވެންބަރު 01 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނޭ ކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކުރިއެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި މި މައްސަލާގައި މިހާތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، މައްސަލައިގެ ތަހުގީގުގެ ތެރެއިން 05 އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައިފާސްކޮށްފައިވެއެވެ. 

މި ވައްކަން ކޯށްފައިވާ ގޮތް ތަފްސީލުކޮށް ކިޔައިދެމުން ފުލުހުން ބުނީ ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގާފައިވަނީ، މި ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމް.ޕީ.އެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމް.ޕީ.އެލް ޓާރމިނަލްގައި ބެހެއްޓުމަށް ފަހު އެ ކޮންޓެއިނަރުތައް ބަދަލުކޮށްގެންނެވެ. އަދި ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފައިވާކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ފުލުހުންގެ ތަހުޤީޤަށް ވަނީ ހޯދިފައެވެ.

މި ވައްކަމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކަސްޓަމްސް އާއި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިންނާއި އެމީހުނަށް މަސައްކަތް ކޮށްދިން މީހުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0