ޚަބަރު

އެމްޑީޕީން ބޭއްވި “ކޮބާ މަގޭ ގޯތި” އިވެންޓަށް ތަރުހީބެއް ނުލިބުނު

1 ނޮވެންބަރު 2025 - 15:47
އެމްޑީޕީން ބޭއްވި “ކޮބާ މަގޭ ގޯތި” އިވެންޓަށް ތަރުހީބެއް ނުލިބުނު
ފޮޓޯ: އެމްޑީޕީ

ރޭ އާޓިފިޝަލް ބީޗުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންތިޒާމު ކޮށްގެން ބޭއްވި "ކޮބާ މަގޭ ގޯތި, ކޮބާ މަގޭ ފުލެޓް" އިވެންޓަށް ތަރުހީބެއް ނުލިބި އިވެންޓު ތޮޅިއަށް ގޮސްފިއެވެ.

ރޭގެ އިވެންޓަށް އެމްޑީޕީން ބޮޑެތި ތައްޔާރީތަކެއް ވެފައިވާއިރު, އެތަނަށް އިވެންޓުގައި ބައިވެރިވުމަށް ހާޒިރުވެފައިވަނީ 50 ހަކަށް މީހުންނެވެ.

ރޭގެ އިވެންޓު ސަރަހައްދަށް "ވިރާސީ" ގެ ޓީމުން ގޮސް އިވެންޓުގައި ބައިވެރިވި ބައެއް އެމްޑީޕީގެ އެކްޓިވިސްޓުންނާއި ވާހަކަދައްކާލުމުން އެނގުނީ އިވެންޓަކީ އެމްޑީޕީގެ "ވަކި ބަޔަކު" އިންތިޒާމުކުރި އިވެންޓެއް ކަމެވެ. 

"ވަކި ޓީމަކުން އިންތިޒާމުު ކުރީ މިކަން. އެހެން މީހުނާ މާބޮޑު މަޝްވަރާއެއް ނުކުރާ ކަމަށް ވަނީ. އެހެންވެ ކަންނޭނެގެ އެހާވަރަށް މީހުން މަދީ." އިވެންޓުގައި ބައިވެރިވި އެމްޑީޕީގެ އެކްޓިވިސްޓަކާ ވާހަކަދައްކާލުމުން ބުންޏެވެ.

އެކްޓިވިސްޓުގެ މި ވާހަކައިން ދޭހަވީ އެމްޑީޕީ ތެރޭގައިވެސް ކޯޅުން ގިނަވެފައިވާ ކަމެވެ. މައްސަލަތައް ބޮޑުވެ ޕާޓީގެ ހަރަކާތްތަކުން އޭގެ އަސަރު ފެންނަން ފަށާފައިވާ ކަމެވެ.

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްޤަށް ރައީސް މުޢިއްޒުގެ ސަރުކާރުން އަރައިގަނެފައިވާކަމަށް ބުނެ އެމްޑީޕީން މާލޭގެ އެކި ސަރަހައްދުތަކުގައި މީގެ ކުރިންވެސް މިފަދަ ކުޑަ އިވެންޓުތަކެއް ބާއްވާފައިވާއިރު, އެ ހުރިހާ އިވެންޓަކަށްވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.

މިމަހުގެ 17 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ބޮޑު ހަރަކާތެއް ބޭއްވުމަށް މަސައްކަތްކުރަމުންދާއިރު, "ކޮބާ މަގޭ ގޯތި" އިވެންޓަށް ތަރުހީބު ކުޑަވުމުން ބޮޑު ހަރަކާތަށް ލިބޭ ތަރުހީބަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

ފޮޓޯ: އެމްޑީޕީ
ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ގޯތިތައް ބަހާލުމުން ރައްޔިތުންގެ ތެރޭގައި, ވަކީން ޚާއްސަކޮށް އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިގެން ދިޔަކަން ފާހަގަކުރެވެއެވެ. މި ދެންނެވި ގޯތިތައް ލިބުނު ފަރާތްތަކުގެ ތަރުހީބު އެމްޑީޕީން ރޭ ބޭއްވި އިވެންޓަށް ލިބޭނެ ކަަމަށް އެމްޑީޕީން ޤަބޫލުކޮށްގެން ތިބި ކަހަލައެވެ. ނަމަވެސް ރޭގެ އިވެންޓުން ފެނިގެންދިޔައީ ގިނަ ބަޔަކު ބުނާ ވާހަކައެއްގެ ތެދުކަމެވެ. އެއީ އެމްޑީޕީގެ ގެދޮރުވެރިކަމުގެ ސިޔާސަތު މިދިޔަ ސަރުކާރުގައި ފެއިލް ވެފައިވާކަމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0