ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ބިޑުނުކޮށް ބޭނުން ބަޔަކަށް ދެވޭ ގޮތް ހަދައިފި
ކެބިނެޓުން ބޭނުންވާ ވަކި މަޝްރޫއުތައް ބިޑު ކުރުމަކާ ނުލާ ބޭނުންވާ ވަކި ބަޔަކަށް ދެވޭ ގޮތަށް މާލިއްޔަތު ގަވައިދު ބަދަލުކޮށް ގެޒެޓުކޮށްފި އެވެ.
މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސް އިއްޔެ ގެޒެޓުކުރިއިރު ގެނައި އެންމެ ބޮޑު ބަދަލަކީ ސިންގަލް ސޯސް ޕްރޮކިއުމެންޓް ނުވަތަ ބިޑްކުރުމަކާ ނުލާ ސީދާ ވަކި ފަރާތަކަށް ހިދުމަތް ހޯދުމާ ގުޅޭ ގަވައިދަށް ގެނައި ބަދަލެވެ.
އެ ގަވައިދުގެ 10.20 މާއްދާގައި ބުނެފައިވަނީީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތްތަކުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް މި އުސޫލުން ދެވިދާނެ ކަމަށެވެ.
ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން މިފަދަ މަޝްރޫއުތައް ދެވޭނީ ކެބިނެޓުން ނުވަތަ ކެބިނެޓުން ކަނޑައަޅާ ކޮމިޓިއަކުން އެގޮތަށް ނިންމުމުން ކަމަށް ބުނެފައިވެ އެވެ.
މީގެ ކުރިން އެ ގަވައިދުގައި އޮންނަ ގޮތުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ޕްރޮޖެކްޓުތައް ދެވޭނީ ވާދަވެރި ބީލަކަށް ވަގުތު ނެތް, ނުވަތަ އަގުގެ ގޮތުން ވާދަވެރިނުވެދާނެ ކަމަށް ފެންނަ ހާލަތްތަކުގައި ކުރުމަށެވެ.
މި ބަދަލާއެކު ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންވާ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމުގެ ފުރުސަތު ހުޅުވިގެން ދެ އެވެ.






ރިއެކްޓް