ޚަބަރު

ކުއްޔަށް ދީފައިވާ ސޯޝަލްހައުސިންގ ފްލެޓްތައް ދައުލަތަށް ނަގަނީ

12 އޮކްޓޫބަރު 2025 - 08:38
ކުއްޔަށް ދީފައިވާ ސޯޝަލްހައުސިންގ ފްލެޓްތައް ދައުލަތަށް ނަގަނީ

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ނިންމައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަނެވެ.

މި ވަގުތު ހުޅުމާލޭގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް މީސް މީޑިއާގެ ބައެއް ޕޭޖްތަކުގައި 3 ކޮޓަރީގެ އެޕާޓްމަންޓްތައް 25،000 ރުފިޔާއަށް ކުއްޔަށް ދިނުމަށް އިޝްތިހާރުކުރަމުންދާއިރު، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކޮށްފައިވާ މިފަދަ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށް ނުވަތަ އެހެން ބޭނުމަކަށް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދެއެވެ.

މިހާރުވެސް ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތައް 12،000 ރުފިޔާއާއި 16،000 ރުފިޔާއަށް ކުއްޔަށް ދޫކުރަމުންދާއިރު، ހިޔާގެ ކުއްޔަށް މެއިންޓެނަންސްއާއެކު ދައްކަންޖެހޭ މިންވަރު 5000ރ އަށްވުރެ ކުޑައެވެ.

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑެތި މަހުޖަނުންނަށް ވުމަށް ފުރުސަތު ދިނުމަކީ ނިކަމެތިންގެ އަސާސީ ޙައްޤުތަކުން މަޙްރޫމްވާނެ ކަމެއްކަމަށް ޢާންމުން ދަނީ ފާހަގަކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0