ޖެންސެޓު ގަތުމަށް ފަހު ދައްކަން ޖެހޭ 3.7 ލައްކަ ޑޮލަރު ނުދައްކައިގެން ފެނަކައިގެ މައްޗަށް ހުކުމެއް
ފެނަކަ ކޯޕަރޭޝަނުން ޖެންސެޓުތަކެއް ގަތުމަށްފަހު އިންޑިއާ ކުންފުންޏަކަށް ނުދައްކާ އޮތް 3.7 ލައްކަ ޑޮލަރު އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެނާޖިއާ ސޭލްސް އެންޑް ސާވިސަސް ނަމަކަށް ކިޔާ ކުންފުންޏަކުން ސިވިލް ކޯޓުގައި އެދުނީ ފެނަކައާއެކު އެ ކުންފުނިން ހެދި ތިން އެއްބަސްވުމެްއްގެ ދަށުން ގެނައި މުދަލަށް ލިބެން ޖެހޭ 3.7 ލައްކަ ޑޮލަރާއި މުދާ ފޯރުކޮށްދިނުމަށްފަހު އެ ކުންފުންޏަށް ފައިސާ ނުދީ ލަސްކުރުމުން ލިބުނު ގެއްލުމުގެ ގޮތުގައި 73,000 ޑޮލަރާއި ވަކީލުންގެ ފީގެ ގޮތުގައި 35,000 ޑޮލަރު ނަގައިދިނުމަށެވެ.
މައްސަލާގެ ދިފާއެއްގެ ގޮތުގައި ފެނަކައިން ބުނި ގޮތުގައި އެ ފައިސާ ދައްކާފައިނުވަނީ ފައިސާ ހޯދުމަށް ފޮނުވާފައިވާ ބިލުގައި އެގްރީމެންޓް ނަންބަރު އަދި ޕީއޯގެ ނަންބަރު ޖަހާފައިނުވާތީ ކަމަށެވެ, އެހެންނަމަވެސް އެ އިންވޮއިސްގައި ހުރި މައްސަލަ ބަޔާންކޮށް އިންވޮއިސް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.
ފެނަކައިން ފަހުން ވަނީ ޖެންސެޓް ލިބުނުއިރު އެ ތަކެތީގެ ޑިފެކްޓު ހުރި ކަން ސާބިތުކުރަން ވެސް ކޯޓުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން ޖެނެރޭޓަރުގެ ފިއުލް ކޫލާ ކޮއިލް ޓިއުބް ހަލާކުވެފައިވާ ކަމަށް ބަޔާންކޮށް, ބައެއް ލިޔުންތައް ކޯޓަށް ހުށަހަޅާފައިވެ އެވެ.
ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހިދުގެ ހުކުމުގައިވާ ގޮތުން, ދައުވާގެ ދިފާއު ހުށަހެޅުމަށް ލިބުނު ފުރުސަތުގައި މި ދިފާއު ފެނަކައިން ހުށަހަޅާފައިނުވެ އެވެ.
ޖެނެރެޓަރަށް ޖެހުނު މައްސަލަ ހައްލުކޮށްފައިވާ ކަމަށް ފެނަކައިން ބުނިނަމަވެސް, ބަޔަކާ މަސައްކަތް ހަވާލުކުރި ކަމުގެ ރަސީދެއް ނެތުމުން ރަނގަޅުކުރި ކަމެއް ނުވަތަ ކުރި ގޮތެއް ވެސް އެނގެން ނެތް ކަމަށް ކޯޓުން ބުނެފައިވެ އެވެ.
މިދިޔަ އާދިއްތަ ސިވިލް ކޯޓުން ފެނަކައިގެ މައްޗަށް ހުކުމްކުރީ އެނާޖިއާ ކުންފުންޏަށް ދޭން ޖެހޭ 3.7 ލައްކަ ޑޮލަރު އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށެވެ. އެނާޖިއާ ކުންފުނިން އެދުނު ގޮތަށް ޖޫރިމަނާއާއި ޝަރިއަތުގެ ހަރަދު ނަގައިދެވެން ނެތް ކަމަށް ވެސް ކޯޓުގެ ހުކުމްގައިވެ އެވެ.






ރިއެކްޓް