ގްލޯބަލް ސުމުދު ފްލޮޓިލާއިން ހަތަރު ސަތޭކައަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި
ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ އިންސާނީ އެހީތަކާއެކު ޣައްޒާއަށް ދަތުރުކުރާމުންދިޔަ "ގްލޯބަލް ސުމުދު ފްލޮޓިލާ" ގެ އެތައް ސަތޭކަ ވޮލަންޓިއަރުންތަކެއް އިޒްރޭލުން ގަވާއިދާ ހިލާފަށް ހުއްޓުވައި ހައްޔަރުކޮށްފިއެވެ.
ކާބޯތަކެއްޗާއި، ބެބީ ފޯމިއުލާއާއި، ބޭހާއި، 47 ގައުމަކުން 400 އަށް ވުރެ ގިނަ ވޮލަންޓިއަރުން ގެންދިޔަ މި ފްލޮޓިލާއަށް އިޒްރޭލުން ހަމަލާދީފައިވަނީ އެމީހުންގެ އިޚްތިޞާޞް ނޯންނަ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައެވެ. މި ފްލޮޓިއްލާގެ ބޯޓުތަކަށް އަރައިގަނެ މީހުން ހައްޔަރުކުރުމުގެ ކުރިން އިޒްރޭލުން ވަނީ ޕްރެޝަރުގައި ފެން ޖަހައި ހަމަލާދީ އެ ސަރަހައްދުގެ މުވާސަލާތީ ޚިދުމަތްތައް "ޖޭމް" ކޮށްލާފައެވެ.
މި ފްލޮޓިއްލާގެ 20 ބޯޓަކަށް އިޒްރޭލުން އަރައިގަނެފައިވާކަން ކަށަވަރު ވެފައިވާއިރު އިތުރު 18 ބޯޓެއްގެ ޚަބަރު އަދި ލިބިފައިނުވާކަމަށް ފްލޮޓިއްލާ ތަމްސީލުކުރާ ޤާނޫނީ ވަކީލުން ބުނެއެވެ. އިޒްރޭލުން ޣައްޒާގެ ކައިރީ ކަނޑުގެ ސަރަހައްދުގައި މުވާސަލާތީ ޚިދުމަތްތައް ޖޭމް ކޮށްފައި ވުމުން މި ބޯޓުތަކަށް އިޒްރޭލުން އަރައިގަތްކަން އަދި ޔަގީން ނުވާކަމަށް ވަކީލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ހަތިޔާރު ނެތް އިންސާނީ އުޅަނދުތައް ހުއްޓުވުމަކީ ހަމައެކަނި ކަނޑުފޭރުމެއް ނޫން ކަމަށާއި އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ފްލޮޓިއްލާ ތަމްސީލުކުރާ ޤާނޫނީ ވަކީލުން ވަނީ ސިފަކޮށްފައެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި މި ފްލޮޓިއްލާގައި ދިވެހިންވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. މި ގޮތުން ދިވެއްސަކު ހުރި އެއް ބޯޓު އިޒްރޭލުގެ ވަކިތަކުން ސަލާމަތްވެ, ސައިޕްރަސްއަށް ގޮސްފައިވާ ކަމަށް ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.






ރިއެކްޓް