ޒުވާނުންގެ މުޒާހަރާގައި އިސްކޮށް އުޅުނު ޝިމަންއާއި މަހުޒޫމަށް ދައުވާކޮށްފި

މާލޭގެ ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނާ ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި، މަހުޒޫމްގެ މައްޗަށް ދައުވާކޮށްފައިވަނީ މުޒާހަރާ ކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، ފުލުހެއްގެ މޭމަތީގައި ކަނާތުން އަޅައި ކޮއްޕާލައި އަނިޔާކުރި ކަމަށް ތުހުމަތުކޮށެވެ. އަދި ޝިމަންގެ މައްޗަށް ދައުވާކޮށްފައިވަނީ ފުލުހުންގެ ސަފު ރޫޅާލުމަށްފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމަށް ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި މުޒާހަރާ ރޫޅާލީ މަގުމަތީގައި މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް ދަތިވުމާއި، އެދުވަސްވަރު އޯލެވެލް އިމްތިހާނު ހަދަމުންދިޔަ ދަރިވަރުންނަށް އުނދަގޫވާތީއެވެ. ނަމަވެސް "މުޒާހަރާގެ ތެރެއިން އެ ދެމީހުން ހައްޔަރުކުރީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން" ކަމަށް އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ބުނެފައިވެއެވެ.
މުޒާހަރާގެ ތެރެއިން ޝިމަން އާއި މަހުޒޫމް ހައްޔަރުކުރީ އެ ދެމީހުން ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށެވެ. އަދި ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން އެ ދެމީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.
ރިއެކްޓް



