ދުނިޔެ , ޚަބަރު

ޕާކިސްތާނުގައި ފެންބޮޑުވެ އެއް އާއިލާއެއްގެ 9 މީހުން މަރުވެއްޖެ

ކޯރުތައް ކައިރީގައި ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާގުޅޭ އިދާރާތަކަށް އެޤައުމުގެ ބޮޑުވަޒީރު ވަނީ އަންގަވާފަ

ޖޫން 28, 2025 - 20:10
ޖުލައި 1, 2025 - 02:39
 0
ޕާކިސްތާނުގައި ފެންބޮޑުވެ އެއް އާއިލާއެއްގެ 9 މީހުން މަރުވެއްޖެ
ޕާކިސްތާނުގައި ފެންބޮޑުވެފައިވާ ސަރަހައްދެއް -- ފޮޓޯ:އޭއެފްޕީ

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި، އިރުމަތީގެ ސަރަޙައްދުތަކުގައި ފެންބޮޑުވެ، އެއް އާއިލާއަކަށް ނިސްބަތްވާ 9 މީހަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ ޚައިބަރު ޕަޚްތުންޚުވާ ސަރަޙައްދުގައި އޮންނަ ސްވާތު ކޯރު ކައިރީގައެވެ.

އެ ސަރަޙައްދުގެ އެޑްމިނިސްޓްރޭޓަރު ޝެހްޒާދު މަހުބޫބް ވިދާޅުވި ގޮތުގައި، 16 މެންބަރުންގެ އެ އާއިލާއިން ހެނދުނުގެ ނާސްތާއަށް ކޯރު ކައިރިއަށް ދިޔައެވެ. "އާއިލާގެ ކުޑަކުދިން ކޯރަށް އެރި، ފޮޓޯ ނަގަން އުޅެނިކޮށް، މޫސުން ގޯސްވެ، ކޯރު ބަންޑުންވެ، އެ ކުދިން ސަލާމަތް ކުރަން ދިޔަ ބޮޑެތި މީހުން ވެސް ފެންގަނޑުގައި ތާށިވީ،" މަހުބޫބް ވިދާޅުވިއެވެ.

އިމަޖެންސީ ސަރވިސްގެ ތަރުޖަމާނު ޝާޙް ފަހުދު ވިދާޅުވި ގޮތުގައި، 100 އެއްހާ ސަލާމަތީ މުވައްޒަފުން މަސައްކަތް ކޮށްގެން 58 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އަދި އިތުރު ފަތުރުވެރިންތަކެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެޙްބާޒް ޝަރީފް ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކަށް ހިތާމަ ފާޅުކުރައްވައި، ކޯރުތައް ކައިރީގައި ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވައިފައެވެ.

މޫސުން ގޯސްވުމުގެ އިންޒާރު

މި ހަފްތާ ފެށުނީއްސުރެ ޕާކިސްތާނުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ހައިވޭތައް ބަންދުވެ، ގިނަ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި ކުރިއަށް އޮތް ހަފްތާގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ.2022 ވަނަ އަހަރު ކުރި ވިއްސާރައިގައި، ކޯރުތައް ބަންޑުންވެ، 1،739 މީހުން މަރުވިއިރު އެއަހަރާ އަޅާބަލާއިރު، މި އަހަރުގެ ވިއްސާރަ މޫސުމުގައި ވިއްސާރައިގެ އަސަރު ކުޑަވާނެ ކަމަށް ޕާކިސްތާނުގެ މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0