ޚަބަރު

ޕީޖީގެ އެދުމުގެ މަތީން ރައުދު އަނެއްކާވެސް ދޫކޮށްލައިފި

ރައުދު ދޫކޮށްލީ ޕްރޮސިކިއުޓަރ ޖެނެރަލް އެކަމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވުމުން

މޭ 27, 2025 - 08:18
ޖޫން 30, 2025 - 23:58
 0
ޕީޖީގެ އެދުމުގެ މަތީން ރައުދު އަނެއްކާވެސް ދޫކޮށްލައިފި
ރައުދު — ފޮޓޯ: ފުލުހުން

ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު (21) ވެއްޓުނު ހާދިސާއާގުޅިގެން ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް (22) ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމުގެ މަތިން ފުލުހުންގެ ބަންދުން އަނެއްކާވެސް ދޫކޮށްލައިފި އެވެ.

ރައުދު ދޫކޮށްލީ ޕްރޮސިކިއުޓަރ ޖެނެރަލް އެކަމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވުމުން ކަމަށް އޭނާގެ ވަކީލުން މަޢުލޫމާތު ދީފައިވެ އެވެ. މި މައްސަލައިގައި ރައުދުގެ މައްޗަށް ދަޢުވާ ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހަކަށް އެހީތެރިކަން ނުދިނުމުގެ ދަޢުވާ އެވެ.

އޭޕްރިލް 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު (21) ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައެވެ.

ރައުދަކީ ޔުމްނު ވެއްޓުނު އިރު އޭނާއާ އެކު އެ ގޭގައި ހުރި ޒުވާނާއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ރައުދުގެ ކިބައިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ޓެސްޓުން ފެނިފައިވެއެވެ.

މި މައްސަލައިގައި ރައުދު ދެވަނަ ފަހަރަށް ހައްޔަރުކުރި އިރު ނެރުނު ކޯޓު އަމުރުން އެނގުނު ގޮތުގައި، އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު "ހަމަނުޖެހުމެއް" ހިނގާފައިވެއެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ކޮންމެވެސް ބަޔަކު ކައިރީ އޭނާ ބުނިކަން އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ. އެ އަމުރު ނޫސްތަކުން ގެނެސްދިން ފަހުން ރައުދުގެ ބަންދު އަމުރުތައް ސިއްރުކުރަން ވަނީ ފަށާފައެވެ.

ކްރިމިނަލް ކޯޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރައުދުގެ ބަންދު މަޖިލިސްތައް ސިއްރުކުރަން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކޯޓަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0