ކުޑަކުދިން މަސްތުވާތަކެތިން ރައްކާތެރި ކުރުމަށް އެންޑީއޭއާއި ޖުވެނައިލް ޖަސްޓިސްއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ދެ އިދާރާގައި ހުރި ޓެކްނިކަލް އެކްސްޕަޓީޒް ނުވަތަ ފަންނީ ހުނަރާއި ގާބިލްކަން އެއްކޮށްލައިގެން މަސައްކަތްކުރެވޭނެގޮތް ފަހިވެގެންދާނެ

ކުޑަކުދިން މަސްތުވާތަކެތިން ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބުދަ ދުވަހު ޑީޖޭޖޭގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ޑީޖޭޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛް އަޙްމަދު ޞިއްދީޤެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ބޯޑުގެ ޗެއަރޕާސަން އަދި މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިނެވެ.
މި ފަހުމުނާމާގެ ދަށުން، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑީޖޭޖޭއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ ކުދިންނާއި، ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ބޭނުންވާ ޚާއްޞަ ފަންނީ އެހީތެރިކަން އަވަސް ފުރުޞަތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
"މި ފަހުމުނާމާގެ އެހީގައި ދެ އިދާރާގައި ހުރި ޓެކްނިކަލް އެކްސްޕަޓީޒް ނުވަތަ ފަންނީ ހުނަރާއި ގާބިލްކަން އެއްކޮށްލައިގެން މަސައްކަތްކުރެވޭނެގޮތް ފަހިވެގެންދާނެ،" އެންޑީއޭގެ ބޯޑުގެ ޗެއަރޕާސަން ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވިއެވެ.
މީގެއިތުރުން، ކުޑަކުދިން މަސްތުވާތަކެތިން ރައްކާތެރިކުރުމަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެފަދަ ޙަރަކާތްތައް ދެ އިދާރާ ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް މި ފަހުމުނާމާގެ ދަށުން މަގުފަހިވެގެންދާނެއެވެ. މި ދެ އިދާރާގެ މެދުގައި މިފަދަ ފަހުމުނާމާއެއްގައި ސޮއިކުރެވުނީ މިއީ ފުރަތަމަ ފަހަރެވެ.
ރިއެކްޓް



