ހުޅަނގު އައްސޭރީގައި އިޒްރޭލުން ހާހަކަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލައިފި
ހުޅަނގު އައްސޭރީގައި އިސްރާއީލު ވަޒަންވެރިން ގާތްގަނޑަކަށް 1،800 ހަމަލާ ދީފައިވޭ

މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގައި ހިނގަމުންދާ ޢުދުވާޞްތައް އެންމެ ގާތުން ބަލަމުންދާ ނޫސް އެޖެންސީ ކަމަށްވާ އަލްޖަޒީރާއިން ބުނި ގޮތުގައި ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގެ ސަބަބުން 56،331 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ ޝަހީދުކޮށްލާއިރުވެސް އިސްރާއީލު ސަރުކާރުން ތިބެނީ އެއްވެސް ފިޔަވަޅެއް ނާޅައި ކަމަށް ވެސް ވަނީ އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
އެންމެ ފަހުން ޝަހީދުވި ފަރާތަކީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު އިސްރާއީލު ސިފައިން ބަޑިޖަހައި ޒަހަމްކޮށްލި ޒުވާނެއް ކަމަށްވާ ސަމީރު ބައްސާމް އަލް ޒަގަރްނޭ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން 2024 ވަނަ އަހަރުގެ ޑިސެމްބަރު 16 އަށް ހުޅަނގު އައްސޭރީގައި އިސްރާއީލު ވަޒަންވެރިން ގާތްގަނޑަކަށް 1،800 ހަމަލާ ދީފައިވެއެވެ. އަދި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނި މަދުވެގެން 414 ހަމަލާ ދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި މިއީ ހަގީގީ އަދަދުތަކަށްވުރެ މާ ކުޑަ އަދަދުތަކެކެވެ. އަދި ހުޅަނގު އައްސޭރީގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ގޮވާލަމުންދެއެވެ.
ރިއެކްޓް



