ފެންފުށި ކައިރިން ދެ ޑިންގީ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އަރިއަތޮޅު ދެކުނުބުރީ ފެންފުށި ކައިރިން ދެ ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 20:42 ގައި ފެންފުށީ ނެރު ކައިރިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، މި އެކްސިޑެންޓްގައި އަނިޔާވި ދިވެހި ފިރިހެނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ އެއަތޮޅު މާމިގިލި ހެލްތް ސެންޓަރުގައެވެ. އަދި އިތުރު ފަރުވާއަށްޓަކައި އޭނާ ވަނީ މާލެ ގެނެވިފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލް ފުލުހުން ވަނީ ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އޮފިޝަލް އިތުރަށް ހާމަކުރެއްވި ގޮތުގައި، އެކްސިޑެންޓްވި ދެ ޑިންގީއަކީވެސް ރަޖިސްޓްރީ ނުކޮށް، ގަވާއިދާ ހިލާފަށް ދުއްވާ ދެ އުޅަނދެވެ. އަދި މި ދެ އުޅަނދު ދުއްވާފައިވަނީ އެ ބާވަތުގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ދެ ފަރާތަކުންނެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބަލައި، މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފަރުވާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ.
ރިއެކްޓް



