ޚަބަރު

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިއަދު ފުރައިފި

ފުރަތަމަ ގްރޫޕުގައި ފުރީ 235 ހައްޖާޖީން

މޭ 26, 2025 - 19:45
ޖޫން 30, 2025 - 23:57
 0
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިއަދު ފުރައިފި
ހައްޖަށް ފުރާ ފަރާތްތަކާއި މިނިސްޓަރ ޝަހީމު ބައްދަލުކުރައްވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕްގައި ހިމެނޭ 235 ހައްޖާޖީން މިއަދު ފުރައިފިއެވެ. މިއީ މި އަހަރު ރާއްޖެއަށް ލިބިފައިވާ 1،000 ހައްޖު ކޯޓާގެ ތެރެއިން ފުރަތަމަ ފުރި ގްރޫޕެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އަހަރުގެ ހައްޖު މޫސުމުގައި ހައްޖާޖީން ފުރުވާލެވޭނީ އެކި ފްލައިޓުތަކަށް ބަހާލައިގެންނެވެ. އަދި އެންމެ ފަހު ގްރޫޕު ރާއްޖެއިން ފުރާނީ އަންނަ ހުކުރު ދުވަހުއެވެ.

މި އަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް ލިބިގެންދާ އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ "މައްކާ ރޫޓު އިނީޝިއޭޓިވް" ގައި ރާއްޖެ ބައިވެރިވެފައިވުމެވެ. މި އިނީޝިއޭޓިވްގެ ދަށުން، ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ އެންމެހާ ކަންކަން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތިބެ ނިންމޭނެއެވެ.

މި އިނީޝިއޭޓިވްގެ ސަބަބުން ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަންގައި މަޑުކުރަން ނުޖެހި، ހައްޖާޖީންނަށް ސީދާ ހޮޓަލަށް ދެވޭނެއެވެ. އަދި ހައްޖާޖީންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ. ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ދިވެހިރާއްޖެއަކީ މި އިނީޝިއޭޓިވްގައި ބައިވެރިވި 8 ވަނަ ގައުމެވެ.

އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، "މައްކާ ރޫޓު އިނީޝިއޭޓިވް" އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. "މި އިނީޝިއޭޓިވްގައި ބައިވެރިވުމަކީ ދިވެހި ހައްޖުވެރިންނަށް ލިބުނު ތާރީހީ ބޮޑު ފަސޭހައެއް" ކަމުގައި އެ މިނިސްޓްރީން ދެކޭކަމަށް ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0