ކޮލަމް: އަންނަ ޖުލައިގައި ރަނގަޅުވާނެ

އިންސާނުންނަކީ އަބަދުވެސް މިއަދަށް ވުރެ މުސްތަގުބަލު ހޯދަން މަސައްކަތް ކުރާ ބައެކެވެ. މިއަދު ނިމި މާދަމާ އަށް ކުރެވޭ އިންތިޒާރު ދިގު ކަމުގައި ވިޔަސް އެ އުންމީދުގައި ނިދާލެވޭ ދުވަސް ގިނަ އެވެ. ގޯހެއް ނޫނެވެ. މާހިރުން ވެސް ލަފާ ދެނީ އަބަދުވެސް އިންސާނާގެ ސިކުޑި ޕޮޒިޓިވް ވިސްނުމެއް ގެންގުޅުމަށެވެ. ނަފްސުގެ އުފަލަކީ ވެސް ސިއްހަތުގެ ބަޔެއް ތާއެވެ.
އަޅުގަނޑަށް މި އުއްމީދުގައި ހިޔާލު ބަދަލު ކުރެވޭ ވަރަށް ގިނަ މާހައުލުތަކުގައި ކަންފަތް ދެވޭ ތަން އާދައެވެ. މި ކަމުގައި އަޅުގަނޑަށް އަބަދުވެސް ފާހަގަކުރެވޭ ހާއްސަ ކަމެއް އޮވެއެވެ. "އަންނަ ޖުލައިގައި ރަނގަޅުވާނެ“ އެވެ.
ކުރިން އިވުނީ ކުރީ ސަރުކާރުން ހެދި ބަޖެޓު ހެދީ ކަމެއް ނުކުރެވޭނެ ގޮތެއް އޮތިއްޔާ އެގޮތަކަށް ކަމެވެ. ކަން ނިމުނީ ބަޖެޓުގައި ޖެހުނު ކަމެއް ނުވެ، ނުޖަހާ ކަންކަން ފައްޓާ ކަމުގެ އަޑުތަކުންނެވެ. މިސާލަކަށް ރަސްމާލެ އެވެ. ބާކީ ހުރި ހުރިހައި ކަމެއް ވާނީ އަންނަ ޖުލައި ގައި ކަމަށް އެކި އެކި މަސްދަރު ތަކުން ދަނީ ފާޅު ވަމުންނެވެ.
ރަސްމާލޭގެ ތަސައްވަރާއި އެކު ތަނުގެ ދުރުމިނާއި މާލެއިން ރަސްމާލެ އަށް ކަނޑު މަގުން ދިޔުމުގައި އުފުލަން ޖެހޭ ބުރައިގެ ބޮޑުކަން ބައެއް މީހުން ފާޅު ކުރަން ފެއްޓި ތަނުން ދެން އިވުނީ މާ އުފާވެރި ހަބަރެކެވެ. މާލެއާއި ރަސްމާލެއާއި ދެމެދު އެޅޭނީ ބުރިޖެއް ނޫނެވެ. ބިއްލޫރި ޓަނަލެކެވެ. މި ޓަނަލުން ދަތުރު ކުރާއިރު ކަނޑު އަޑީގެ މަންޒަރު ތައްވެސް ފެނެއެވެ. ކޮންފަދަ އަޖައިބެއް ތޯއެވެ. މިވެސް ނިމުނީ ބިލާހެއްގެ ސިފައިގައެވެ.
ކުރީ ދައުރު ނިމި، ހިނގަމުންދާ ދައުރުގައި ވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ ޑޮލަރުގެ ދަތި ކަމެވެ. މަތީ ފަންގިފިލާގައި ޖެހިފައި ހުރި ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަޑަށް ބާރު ލައިފައި ވިދާޅުވީ އަޑު އަދިވެސް އަޅުގަނޑުގެ ކަންފަތުގައި އެބަހުއްޓެވެ. ހަމައެއާއެކު އިކޮނޮމިކު މިނިސްޓަރު ސައީދު ވަނީ ކަޅު ބާޒާރުގެ ޑޮލަރުގެ އަގު، އަންނަ ޖުލައިގައި ހަމަ އަގަށް ހިފެހެއްޓޭނެ ކަމުގެ އުފާވެރި ހަބަރު މީޑީޔާ ތަކަށް ދެއްވާފައެވެ.
ފާއިތުވީ ދުވަސް ތަކުގައި އެކި ސިފަ ސިފައިގައި އިންވެސްޓަރުން މާސިންގާ ކުރެހުން ތަކާއި އެކު ދެއްކި ހުވަފެން ތަކަކީވެސް އަޅުގަނޑުމެން ފާހަގަ ކުރަން ޖެހޭ ކަންކަމެވެ. އެގޮތުން، ފަގުޑި އެޅި އަރަބި ޕްރިންސުންގެ ފައިނޭންޝިއަލް ސެންޓަރު ތަކާއި ދެކުނު އޭޝިޔާ އިން އެޅުވި ތިނަދޫ އެއާޕޯޓާއި މެދު އިރުމަތީގެ ކުންފުންޏަކާއި ގުޅިގެން ފެއްޓި ބަންކަރިންގެ ހިދުމަތަކީވެސް ބިޔަ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތައް ބާރަށް ހިންގާން އުފެއްދި ޑީވެލޮޕްމެންޓް ބޭކުގެ މަސައްކަތް ވެސް އަންނަ ޖުލައިގައި ފެއްޓޭނެ ކަމަށް އެކި މަރުހަލާ ތަކުގައި އިވިފައި ވެއެވެ.
ދައުރުގައި އެއް ޖުލައި ނިމި ދެވަނަ ޖުލައި ގުނަމުން ދަނީއެވެ. ރަށު ތެރޭގައި ގެންގުޅޭ ފައިސާކޮޅު އަންނަ ޖުލައިގައި ރަނގަޅުވާނެކަމަށް ހުއްޓައި ޖުލައި ފަސްދީ ދަނީއެވެ. ބަދަލުވީ، އަދި ވާނެ ހާލަތެއް އަދި ފެންނަން ނެތެވެ.
ހިއްލާނުލެވި ހުރި ހައިމާކުގެ ކަރުގަނޑުވެސް ކުރޭ ބުނެ އުޅުނު ޖުލައި މަހަށް ފަހު އަނެއް ޖުލައިވެސް ދަނީއެވެ. މިފަދަ ކަންކަމުގައި އިވޭ އަޑުތަކުން ސޮއިކުރުން ފިޔަވައި އަމަލީގޮތުން ކުރެވުނު ކަމެއް އަދި ނެތެވެ.
އަޅުގަނޑުގެ އުންމީދަކީ ޖުލައި މަސް ނިމޭނެ ދުވަހެއް ފެނުމެވެ، ދުނިޔެ ހިނގާ ވަރަކަށް ޖުލައި އަންނާނެއެވެ.
ރިއެކްޓް



