އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަން ފަށައިފި

އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ޢިމާރާތްކުރުމާއި ހައުސިންގ މިނިސްޓްރީން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވަނީ ސަރުކާރުން އިޢުލާންކޮށްފައިވާ 57 ރަށުގެ ރައްޔިތުންނަށެވެ. މި ރަށްތަކުގައި ޖުމްލަ 12,000 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ރޭވިފައެވެ. ކޮންމެ ހައުސިންގ ޔުނިޓެއްގައި ތިން ކޮޓަރިއާއި ސިޓިންގ ރޫމް ހިމެނޭނެއެވެ.
ހައުސިންގ މިނިސްޓްރީން މަޢޫލޫމާތު ދެއްވާގޮތުގައި ހައުސިންގ ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށެވެ.
އަމިއްލަ ގޯތިތަކުގައި ހައުސިންގ ޔުނިޓް އިމާރާތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން އަޅާ ހައުސިންގ ޔުނިޓް އެޅުމަށްފަހު، ފައިސާ ދައްކަންޖެހޭނީ ސަރުކާރުގެ އެހެނިހެން ހައުސިންގ ސްކީމްތަކާ އެއް އުސޫލަކުން ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
އަތޮޅުތަކުގެ ރަށްތަކުގައި ހައުސިންގ މަޝްރޫޢުތައް ހިންގުމަށް ކޮންޓްރެކްޓަރުންނަށް ފުރުޞަތު ހުޅުވާލާފައިވާއިރު މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް 2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ރިއެކްޓް



