އެމެރިކާގައި ހިނގި ބަޑީގެ ހަމަލާއެއްގައި ކުޑަކުއްޖަކު މަރުވެއްޖެ

އެމެރިކާގެ ސިޓީއެއްގައި ހިނގި ބަޑީގެ ހަމަލާއެއްގައި ކުޑަކުއްޖަކު މަރުވެއްޖެއެވެ.
އިންޑިއާނާޕޮލިސް ސިޓީގައި ހިނގި މިހާދިސާގައި އިތުރު ހަ މީހަކު ޒަޚަމްވެފައިވާކަމަށް އެ ސިޓީގެ ފުލުހުން މަޢުލޫމާތުދެއްވައެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:27 ހާއިރު، އެ ސަރަހައްދުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކެއް ބެލުމަށް ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށެވެ.
މި ހާދިސާގައި ޒަޚަމްވި ފަސް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އަދި އިތުރު އެއް މީހަކު އަމިއްލައަށް މެޑިކަލް ފެސިލިޓީއަކަށް ގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ޒަޚަމްވި މީހުންގެ ތެރެއިން ތިން މީހުންނަކީ ކުޑަކުދިން ކަމަށާއި، މީގެ ތެރޭގައި މަރުވި ކުއްޖާވެސް ހިމެނޭ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައި، މި ހާދިސާ ހިނގި ސަރަހައްދުން ގިނަ އަދަދެއްގެ ހަތިޔާރު ވަނީ ފެނިފައެވެ. އަދި މި ހާދިސާއާ ގުޅިގެން ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މީހުންނާ ސުވާލުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އަދި މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލްތައް ފުލުހުން ބަލަމުންދާ ކަމަށް މަޢުލޫމާތު ދީފައިވެއެވެ.
ރިއެކްޓް



