ޚަބަރު

ކާނުތައް ސާފުކޮށްފައި ހުރުމުން މާލޭގައި ކުރިއަށްވުރެ ފެންބޮޑުވުން ކުޑަ

ޖުލައި 11, 2025 - 21:46
ޖުލައި 11, 2025 - 23:21
 0
ކާނުތައް ސާފުކޮށްފައި ހުރުމުން މާލޭގައި ކުރިއަށްވުރެ ފެންބޮޑުވުން ކުޑަ
ސިޓީކައުންސިލްން މާލޭގައި ފެން ހިންދުމަށް ބަހައްޓާފައިވާ ޕަންޕު -- ފޮޓޯ: ވިރާސީ

އިއްޔެއާއި ރޭގައި މާލެއަށް ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުން ކުޑަވެފައިވާކަން ފާހަގަކުރެވިއްޖެއެވެ.

ޤައުމީ މޫސުމާ ބެހޭ އިދާރާއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އިއްޔެ ހެނދުނު 8 އިން ފެށިގެން މިއަދުގެ ހެނދުނު 8 އާ ހަމައަށް މާލެއަށް 49.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ނަމަވެސް ކުރިން މިވަރަށް ވާރޭ ވެހޭ ދުވަސްދުވަހާއި ޚިލާފަށް މާލޭގައި ޢާއްމުކޮށް ފެންބޮޑުވާ ވަރަށް ފެން ބޮޑު ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

އާންމު ގޮތެއްގައި މާލެއަށް މެދުމިންވަރަކަށް ވާރޭ ވެހުނު ކަމުގައި ވިޔަސް، މަގުތަކުގައި ފެންބޮޑުވެ، އެ ފެން ހިނދުމަށް ގިނަ ވަގުތު ނަގާކަން ފާހަގަކުރެވެއެވެ.

މުހިއްމު މަސައްކަތެއް ކަމުގައި ދެކިގެން މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ ހުރިހާ ކާނެއް ސާފުކުރުމަށް އަމާޒު ހިފާފައެވެ. މިގޮތުން މާލޭގެ ބޮޑު ސަރަހައްދެއްގެ ކާނުތައް މިހާރު ވަނީ ސާފުކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އިއްޔެ ވެހުނު ވާރޭގައި މާފަންނުގެ އެކި ސަރަހައްދުތަކުގައި މަގުމަތީގައި ޖަމާވި ފެން އަވަހަށް ހިނދިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ ރައްޔިތުންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ކާނު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން މި މައްސަލައަށް ހައްލެއް ލިބެމުންދާކަން އިއްޔެގަ ވެހުނު ވާރޭއިން ވަނީ ސާބިތުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0