ދުނިޔެ

ވިއެޓްނާމްގައި ދޯންޏެއް ބަންޑުންޖަހާލައި 28 މީހުން މަރުވެއްޖެ

ޖުލައި 19, 2025 - 23:53
 0
ވިއެޓްނާމްގައި ދޯންޏެއް ބަންޑުންޖަހާލައި 28 މީހުން މަރުވެއްޖެ
ފޮޓޯ:ސީބީސީ

ވިއެޓްނާމްގެ މަޝްހޫރު ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ހަލޮންގް ބޭގައި މޫސުން ގޯސްވުމުގެ ސަބަބުން ފަތުރުވެރިން ދަތުރުކުރި ދޯންޏެއް ބަންޑުންޖަހާލައި 28 މީހަކު މަރުވެއްޖެއެވެ. 

"ވަންޑަރ ސީ" ނަމަކަށް ކިޔާ މި ދޯނީގައި 53 ފަސިންޖަރުންނާއި ފަސް ފަޅުވެރިން ތިބި ކަމަށް ބެލެވެއެވެ. މީގެ ތެރެއިން މިހާތަނަށް 11 މީހުން ވަނީ ސަލާމަތްކުރެވިފައެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި 14 އަހަރުގެ ކުޑަކުއްޖެއް ވެސް ހިމެނެއެވެ. އެ ކުއްޖާ ސަލާމަތްކުރެވުނު އިރު ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ބަންޑުންޖަހާލި ދޯނީގެ ތެރޭގައި ތާށިވެފައި އޮތެވެ. 

މި ހާދިސާ ހިނގީ ރާއްޖޭ ގަޑިން މެންދުރު 12:00 ހާއިރުއެވެ. ދޯނި ބަންޑުންޖެހުނީ ޓްރޮޕިކަލް ތޫފާން "ވިފާ" ގެ ސަބަބުން އުފެދުނު ބާރުގަދަ ވައިރޯޅިތަކާއި ގަދަ ރާޅުތަކުގެ ސަބަބުންނެވެ. މި ހާދިސާއާ ގުޅިގެން 14 މީހަކު އަދިވެސް ވަނީ ގެއްލިފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި 8 ކުޑަކުދިން ހިމެނޭކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މޫސުމާ ބެހޭ އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ޓްރޮޕިކަލް ތޫފާން "ވިފާ" ވިއެޓްނާމްގެ އުތުރާ ދިމާއަށް ދަތުރުކުރަމުންދާ ކަމަށާއި، އަންނަ ހަފްތާގެ ކުރީކޮޅު ހާ ލޯންގް ބޭ ކައިރީގައި އޮންނަ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެ ތޫފާން އަރާފާނެ ކަމަށް ލަފާކުރެވެއެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ސަލާމަތީ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، މޫސުމާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0