ސްޕެއިންގައި ހޫނު ގަދަވެ، 1،180 މީހުން މަރުވެއްޖެ

ސްޕެއިންގައި ފިނިހޫނުމިން މަތިވުމުގެ ސަބަބުން 1،180 މީހުން މިދިޔަ ދެމަހުގެ ތެރޭގައި މަރުވެފައިވާ ކަމަށް އެ ގައުމުގެ އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ހެލްތު އިންސްޓިޓިއުޓްގެ ތަފާސްހިސާބުތަކާ ހަވާލާދީ އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މެއި މަހުގެ 16 އާއި ޖުލައި 13 އާ ދެމެދު ހޫނުކަން އިތުރުވުމާ ގުޅިގެން މި އަދަދަށް މީހުން މަރުވެފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މަރުވެފައިވަނީ އެންމެ 70 މީހުންނެވެ.
މަރުވި މީހުންގެ ތެރޭގައި އުމުރުން 65 އަހަރުން މަތީގެ މީހުން ގިނަކަން ފާހަގަކުރެވެއެވެ. އަދި މަރުވި މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންކަން ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ހުޅަނގު ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްފަދައިން ސްޕެއިންގައި ވެސް ފާއިތުވި ހަފްތާތަކުގައި އިންތިހާއަށް ހޫނުގަދަވެފައިވާއިރު، ގިނަ ފަހަރަށް ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް (104 ޑިގްރީ ފަރެންހައިޓް) އަށް ވުރެ މައްޗަށް އަރާފައިވެއެވެ.
ހޫނު ގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކުގެ ތެރޭގައި ގަލިސިއާ، ލާ ރިއޯޖާ، އަސްޓޫރިއާސް އަދި ކެންޓަބްރިއާ ހިމެނެއެވެ. މި ހުރިހާ ސަރަހައްދުތަކަކީ ވެސް ގައުމުގެ އުތުރު ބައިގައި ހުންނަ ސަރަހައްދުތަކެވެ. ޚާއްޞަކޮށް މިއަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި މަރުވި މީހުންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ.
ރިއެކްޓް



