ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދިވެހި ސަރުކާރުގެ މަރުހަބާ
އީރާނާއި އެމެރިކާއާ ދެމެދު ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ވަނީ، މި ނިންމުމުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންތައް ކުޑަވެ، މަޝްވަރާއާއި ޑިޕްލޮމަސީގެ މަގުން ދާއިމީ ހައްލެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަން ފާހަނގަ ކޮށްފައެވެ. އަދި މިއީ ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
މި އެއްބަސްވުން ގާއިމުކުރުމުގައި ޕާކިސްތާން ސަރުކާރުން ކުރެއްވި މަސައްކަތްތަކާއި، އެހެނިހެން ފަރާތްތަކުން ޑިޕްލޮމެޓިކް ދާއިރާއިން ކުރެއްވި މަސައްކަތްތައް ދިވެހި ސަރުކާރުން ވަނީ ބަލައިގަނެ، އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ހުރިހާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި އާންމު ރައްޔިތުން ރައްކާތެރިކުރުމާއި، ދުނިޔޭގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.






ރިއެކްޓް