ދުނިޔެ , ޚަބަރު

ބޭނުންވަނީ އީރާނުގެ ތެޔޮވަޅުތަކުގެ ކޮންޓްރޯލް ނަގަން: ޓްރަމްޕް

31 މާރިޗު 2026 - 09:47
ބޭނުންވަނީ އީރާނުގެ ތެޔޮވަޅުތަކުގެ ކޮންޓްރޯލް ނަގަން: ޓްރަމްޕް

އީރާނުގެ ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ ޚާރަކް އައިލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެ ޤައުމުގެ ތެޔޮ ވަޅުތަކުގެ ކޮންޓްރޯލް ނަގަން ބޭނުންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ފައިނޭންޝަލް ޓައިމްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ އީރާނުގެ ތެޔޮވަޅުތައް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ވަރަށް ބޮޑަށް ބޭނުންވާކަން ހާމަކުރައްވާފައެވެ.

ޓްރަމްޕް ބުނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށް، އެ ޤައުމުގެ ތެލުގެ ކޮންޓްރޯލް ނެގުމަށް ގެންގުޅުއްވި އުސޫލާއި އީރާނާ މެދު ގެންގުޅުއްވާ ޕްލޭން ތަފާތު ކަމަށެވެ. އަދި އީރާނުގެ ތެޔޮވަޅުތަކުގެ ކޮންޓްރޯލް ނެގުމާ ދެކޮޅަށް ވާހަކަދައްކާ އެމެރިކާގެ ރައްޔިތުންނަކީ "ގަމާރު" ބައެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ވަނަ ދުވަހު ފެށި ހަނގުރާމަ އިތުރަށް ފުޅާކުރުމުގެ ގޮތުން އެމެރިކާއިން މިހާރު ވަނީ އެތަކެއް ހާސް ސިފައިން ހުޅަނގު އޭޝިޔާ ސަރަޙައްދަށް ފޮނުވާފައެވެ. އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އަލްޖަޒީރާ ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޚާރަކްއަށް އަރައި އެތަނުގެ ކޮންޓްރޯލް ނެގުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ދަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ އުފުލާ ހޮރުމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ބްރެންޓް ކުރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 115 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.

އަނެއްކޮޅުން އީރާނުން ވަނީ އެމެރިކާގެ މި ރޭވުންތަކަށް ހަރުކަށި އިންޒާރެއް ދީފައެވެ. އީރާނުން ބުނެފައިވަނީ އެ ޤައުމުގެ އިޤްތިޞާދީ އަދި ހަކަތައިގެ މަރުކަޒުތަކަށް އެމެރިކާއިން ދޭ ޙަމަލާތަކަށް ވާގިވެރިވާ ގަލްފުގެ ކޮންމެ ޤައުމެއްގެ ހަކަތައިގެ މަރުކަޒުތަކަށް ވެސް ޙަމަލާދޭނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0