ދުނިޔެ , ޚަބަރު

ހުރިހާ ގައުމުތަކުން ހަނގުރާމަ ހުއްޓާލަން ގަތަރުން ގޮވާލައިފި

9 މާރިޗު 2026 - 13:42
ހުރިހާ ގައުމުތަކުން ހަނގުރާމަ ހުއްޓާލަން ގަތަރުން ގޮވާލައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ގައުމުތަކުން ހަނގުރާމަ ހުއްޓާލުމަށް ގަތަރުން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލައްވާފައިވަނީ ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އަލް ތާނީ ސްކައި ނިއުސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ބޮޑުވަޒީރު ޝެއިޚް މުހައްމަދު ވިދާޅުވީ ހަނގުރާމަ ހުއްޓުވުމަށްޓަކައި އީރާނުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އީރާނާ އެކު އޮތް ގުޅުމުގެ އިތުބާރަށް އަސަރުކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، "އެމެރިކާގެ ފަރާތުން އަޅުގަނޑުމެން ބޭނުންވަނީ ހަނގުރާމަ ހުއްޓާ މަންޒަރު ފެންނަން، އަޅުގަނޑުމެން ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެއް، އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ވެސް، އެމީހުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދައިދޭ ފަދަ ހައްލެއް" ކަމަށެވެ.

މީގެ އިތުރުން، އީރާނުން ގަލްފް ގައުމުތަކަށް ދޭ ހަމަލާތަކާއި ހަނގުރާމައިގައި ބައިވެރިނުވާ ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓުވުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައި ގަތަރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. މިއީ ސަރަހައްދީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަސްރަހު ގޯސްވެފައިވަނީ އެމެރިކާ އާއި އިސްރާއީލުން ގުޅިގެން މިދިޔަ ހަފްތާގައި އީރާނަށް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު ހާސިލުކުރަން އުޅޭ ކަމަށް ބުނެ ދިން މި ހަމަލާތަކުގެ ރައްދުގައި، އީރާނުން ވަނީ އިސްރާއީލާއި އެމެރިކާގެ އަސްކަރީ ފެސިލިޓީތައް ހުންނަ ގަލްފުގެ ބައެއް ގައުމުތަކަށް ހަމަލާ އަމާޒުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0