އީރާނުގެ ނަޓަންޒް ނިއުކްލިއާ ފެސިލިޓީއަށް ހަމަލާދީފި
އީރާނުގެ ނަޓަންޒްގައި ހުންނަ ނިއުކްލިއާ މުއްސަނދިކުރާ ފެސިލިޓީއަށް ދިން ހަމަލާތަކެއްގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އދ. ގެ ނިއުކްލިއާ ވޮޗްޑޮގް، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ހާމަކޮށްފިއެވެ.
އައިއޭއީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ފެސިލިޓީގެ ބިމުގެ އަޑީގައި ހުންނަ ފިއުލް އެންރިޗްމަންޓް ޕްލާންޓް (އެފްއީޕީ) އަށް ވަންނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. ނަމަވެސް، މި ހަމަލާގެ ސަބަބުން ރޭޑިއޮލޮޖީގެ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ޤުމް ސިޓީގެ ބޭރުގައި ހުންނަ މި ފެސިލިޓީއަކީ އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުމަށް ބޭނުންކުރާ މައިގަނޑު ތިން ޕްލާންޓުގެ ތެރެއިން އެއް ތަނެވެ. އައިއޭއީއޭ އިން ފާހަގަކުރި ގޮތުގައި، މިދިޔަ އަހަރު އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި ވެސް މި ފެސިލިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދޭން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އީރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުން ދިން ރައްދު ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި އެމެރިކާގެ ހަ ސިފައިންނާއި އިސްރާއީލުގެ 11 މީހުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.






ރިއެކްޓް