ދުނިޔެ

އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފޭބުމަށް އެމެރިކާ ސަރުކާރުން އިލްތިމާސްކޮށްފި

6 ފެބްރުވަރީ 2026 - 18:34
އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފޭބުމަށް އެމެރިކާ ސަރުކާރުން އިލްތިމާސްކޮށްފި

އެމެރިކާގެ ސަރުކާރުން ވަނީ އީރާނުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން "ވަގުތުން" އެ ގައުމުން ފޭބުމަށް އަންގައި، ސަލާމަތީ ކުއްލި އިންޒާރެއް ނެރެފައެވެ.

މިގޮތަށް އަންގާފައިވަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވަމުންދިއުމާއި، ދަތުރުފަތުރުގެ ނިޒާމަށް ބުރޫއެރުމުގެ އިތުރުން، ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމާ ގުޅިގެންނެވެ. މި އިލްތިމާސް ނެރެފައިވަނީ އީރާނުގައި ހުންނަ އެމެރިކާގެ "ވާޗުއަލް އެމްބަސީ" މެދުވެރިކޮށެވެ. މިއީ އީރާނުގައި އެމެރިކާގެ ރަސްމީ އެމްބަސީއެއް ނެތުމުގެ ސަބަބުން ސްޓޭޓް ޑިޕާޓްމަންޓުން ހިންގާ ޕްލެޓްފޯމެކެވެ.

މި އިންޒާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އީރާނުގެ އެކި ހިސާބުތަކުން އިންޓަރނެޓްގެ ހިދުމަތް މެދުކެނޑުމާއި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާއި، މަގުތައް ބަންދުކުރުމުގެ އިތުރުން އެއާލައިންތަކުގެ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. އަދި ކުއްލި ގޮތަކަށް ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އެމެރިކާގެ ރައްޔިތުން ގައުމުން ބޭރުވުމުގައި އެމެރިކާ ސަރުކާރުގެ އެހީތެރިކަމަށް ބަރޯސާނުވެ، އަމިއްލައަށް ރޭވުންތައް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ. އަދި ރައްކާތެރިކަމާއެކު ދަތުރުކުރެވެން އޮތް ނަމަ، އާމީނިއާ ނުވަތަ ތުރުކީ ފަދަ އަވަށްޓެރި ގައުމުތަކަށް އެއްގަމު މަގުން ދިއުމަށްވެސް ވަނީ ލަފާދީފައެވެ.

މީގެ އިތުރުން، އީރާނުން ބޭރުވެވެން ނެތް ފަރާތްތަކުން މުޒާހަރާތަކާ ދުރުހެލީވުމަށާއި، ކާކުކަން ނޭނގޭނޭހެން އުޅުމަށާއި، ރައްކާތެރި ހިޔާވަހިކަމެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މި އިންޒާރު ނެރެފައިވަނީ އީރާނުގެ މަޝްރަހު ނުތަނަވަސްވެ، އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0