"ސުލްހައަށް އެކަނި އިސްކަންދިނުމުގެ ވިސްނުމެއް ދެން ނެތް": ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނޯވޭގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖެއްގައި، މީގެފަހުން ހަމައެކަނި ސުލްހައަށް އިސްކަންދީގެން ވިސްނުމަކީ އޭނާގެ މައްޗަށް އޮތް ލާޒިމްކަމެއްގެ ގޮތުގައި ދެން ނުދެކޭނެކަމަށް ބުނެފި އެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވަނީ ނޯބެލް ސުލްހައިގެ އިނާމު އޭނާއަށް ލިބިފައިނުވާތީ އެކަމާ ގުޅުވައިގެންނެވެ. އަދި މީގެފަހުން އެމެރިކާގެ މަސްލަހަތުތަކަށް އެންމެ އިސްކަމެއް ދެއްވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނޯވޭގެ ބޮޑުވަޒީރު ޔޯނަސް ގާރ ސްޓޯރޭއަށް ފޮނުއްވި މި މެސެޖުގައި ޓްރަމްޕް ވަނީ، ބައިނަލްއަގްވާމީ އެކި މައްސަލަތައް ހައްލުކުރުމުގައި އޭނާ އަދާކުރެއްވި މުހިންމު ދައުރަށް ދުނިޔެއިން ބަލާފައިނުވާކަމަށް ބުނެފަ އެވެ. ސުލްހައަކީ އަދިވެސް މުހިންމު ކަމެއް ނަމަވެސް، އެންމެ އިސް ދަރަޖައެއް ދޭނީ އެމެރިކާގެ ކުރިއެރުމާއި މަސްލަހަތަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އެ ގައުމުތަކުގެ އޮފިޝަލުން ފާހަގަކުރައްވާ ގޮތުގައި ނޯބެލް ސުލްހައިގެ އިނާމު ދޭނެ ފަރާތެއް ކަނޑައަޅަނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ކޮމިޓީއަކުންނެވެ.
މި ކަމުގެ ސަބަބުން، އެމެރިކާއާއި ޔޫރަޕާ ދެމެދު އޮތް ނުތަނަވަސް ގުޅުމަށް އިތުރު ހީނަރުކަމެއް އަތުވެދާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.






ރިއެކްޓް