އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދާކަމުގެ ހެއްކެއް ނެތްކަމުގެ ޔަޤީންކަން އިޒްރޭލަށް ދިނިން: ރަޝިއާ
އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދާކަމުގެ ހެއްކެއް ނެތްކަމުގެ ޔަޤީންކަން އިޒްރޭލަށް ދިނިން: ރަޝިއާ

އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން މަސައްކަތް ކުރާކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އިޒްރޭލުގެ ސަމާލުކަމަށް ތަކުރާރުކޮށް ގެނެސްފައިވަނިކޮށް، އިޒްރޭލުން އީރާނަށް ހަމަލާދޭން ފަށާފައިވާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ވިދާޅުވެއްޖެއެވެ.
"ރަޝިޔާގެ އިތުރުން އައިއޭއީއޭ (އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ) އަށް ވެސް އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ތައްޔާރުވަމުންދާ ކަމުގެ އެއްވެސް ހެއްކެއް ދުވަހަކުވެސް ލިބިފައެއް ނުވޭ. އެ ވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް އިސްރާއީލުގެ ވެރިންގެ ސަމާލުކަމަށް ގެންނަމުން ދިޔައީ،" ޕުޓިން ވިދާޅުވިއެވެ.
މަދަނީ ބޭނުމަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމަކީ އީރާނަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އެކަމަށް ރަޝިޔާއިން ފުރިހަމައަށް އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ. އަދި އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ލޭއޮހުރުވުން ހުއްޓުވުމަށް ރަޝިޔާއިން ދެ ފަރާތަށް ވެސް ޚިޔާލުތަކެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
ޖޫން 13 ވަނަ ދުވަހު އިސްވެ އީރާނަށް ޙަމަލާ ދޭން ފެށި އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 700 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 2,546 މީހުން ޒަޚަމްވެފައިވެއެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ދަނީ ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރުތައް ބޭނުންކޮށްގެން އިޒްރޭލަށް ހަމަލާދެމުންނެވެ.
އީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ 24 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ. ނަމަވެސް މި ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ކަންބޮޑުވުންތައް ހައްލުކުރުމަށް ރަޝިޔާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތަފްސީލު ޕުޓިން ހާމަކުރައްވާފައެއް ނުވެއެވެ.
ރިއެކްޓް



