ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ ހަމަހަށް ޖަލަށް

ކޯޓުގެ ހުރުމަތް ކެނޑިކަމުގެ މައްސަލައެއްގައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ 6 މަހުގެ ޖަލު ހުކުމެއް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައި.ސީ.ޓީ) އިން އިއްވައިފިއެވެ.
ބަނގްލަދޭޝްގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހުކުމް އިއްވާފައިވަނީ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް-1 ގެ ތިން މެންބަރުންގެ ބެންޗަކުންނެވެ. މި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ މުހައްމަދު ޣުލާމް މުރުތަޒާ މަޒުމްދަރު އެވެ.
ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވަނީ، ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ފޯނުން ދެއްކެވި ވާހަކައެއްގެ ސަބަބުންނެވެ. ހަސީނާގެ ފޯންކޯލުގައި "އޭނާއާއި ދެކޮޅަށް 227 މައްސަލަ ހުށަހަޅާފައިވާތީ، 227 މީހުން މަރަން ލައިސަންސް ލިބިފައިވާ ކަމަށް" ހަސީނާ ބުނި އަޑު އިވެއެވެ.
ޓްރައިބިއުނަލްއިން ބުނެފައިވާ ގޮތުގައި، ހުކުމް ތަންފީޒުވާނީ، ޝެއިޚް ހަސީނާ ހައްޔަރުކުރެވޭ ދުވަހުން ނުވަތަ ކޯޓަށް ހާޒިރުވާ ދުވަހުން ފެށިގެންނެވެ.
ހަސީނާ ފިލައިގެން އިންޑިއާއަށް ދިޔައީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އޭގެ ފަހުން ހަސީނާ ހުންނަވަނީ އިންޑިއާގައެވެ.
ގައުމުން ފިލައިގެން ދިޔަތާ 11 މަސް ފަހުން، ޝެއިޚް ހަސީނާއަށް އެއްވެސް މައްސަލައެއްގައި ހުކުމެއް އިއްވި މިއީ ފުރަތަމަ ފަހަރެވެ. މި މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް އެކި ފަހަރު މަތިން އެންގުމުންވެސް ހާޒިރުނުވުމުން، ޖޫން މަހުގެ 3 ވަނަ ދުވަހު އާންމުކޮށް އިއުލާންކޮށް، އެންގުމަށްފަހުވެސް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި ހުކުމް ކުރީއެވެ.
ރިއެކްޓް



