ޣައްޒާގެ ކާބޯތަކެތީގެ މަރުކަޒުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތައް އީޔޫއިން ކުށްވެރިކޮށްފި

ޣައްޒާގެ ކާބޯތަކެތީގެ މަރުކަޒުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ބުނެފިއެވެ. ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ހިންގާ ކާބޯތަކެތީގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކާ ގުޅޭ ޝަރުތުތަކަށް އީޔޫ އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ބްރަސަލްސްގައި ބޭއްވި ބްރީފިންއެއްގައި އީޔޫ ކޮމިޝަންގެ ތަރުޖަމާނު އަނޫއާ އެލް އަނޫނީ ވިދާޅުވި ގޮތުގައި، ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ ވަށައިގެންވާ ހާލަތަކީ ނުތަނަވަސް ހާލަތެއް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެއި މަހުގެ ފަހުކޮޅުން ފެށިގެން ޖީއެޗްއެފްއިން ހިންގާ އެހީދޭ ތަންތަނާއި އިންސާނީ ގާފިލާތަކުގެ ކައިރީގައި 610 އަށް ވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.
"އިންސާނީ އެހީ އަކީ ސިޔާސީ ނުވަތަ އަސްކަރީ އެޖެންޑާތަކެއްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން،" އެލް އަނޫނީ ވިދާޅުވިއެވެ. އަދި އދ.ގެ ކޯޑިނޭޝަންގެ ދަށުން އަސާސީ އިންސާނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ހައިސިއްޔަތުން އެއްވެސް ގޮތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ތަރުޖަމާން އެލް އަނޫނީ ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް



