ޣައްޒާގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބޭރުކުރުމަށް އޭއެފްޕީން ގޮވާލައިފި

ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމައިގެ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެސަރަހައްދުގައި މަސައްކަތްކުރަމުންދާ އޭޖެންސް ފްރާންސް-ޕްރެސް (އޭއެފްޕީ)ގެ ނޫސްވެރިން ރައްކާތެރިކަމާއެކު އެސަރަހައްދުން ބޭރުކުރުމަށް އެ ނޫސް އޭޖެންސީން ގޮވާލައިފިއެވެ.
އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ޣައްޒާގައި ތިބި މަދަނީ ރައްޔިތުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. މީގެ ތެރޭގައި ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހުރަސްއެޅުމާއި، ސީދާ ހަމަލާތައް ދިނުން ހިމެނެއެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީޑިއާތަކުގެ ތެރޭގައި ހިމެނޭ އޭއެފްޕީން ބުނެފައިވަނީ، ޣައްޒާގައި ތިބި އެ އޭޖެންސީގެ ނޫސްވެރިން ވެސް ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުން އަންނަ ކަމަށެވެ. އަދި ދުވަހުން ދުވަހަށް އެމީހުންގެ ހާލަތު ގޯސްވަމުންދާ ކަމަށް ވެސް އެ އޭޖެންސީން ވަނީ ފާހަގަކޮށްފައެވެ.
އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް އިރު، އެ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. "ހަމާސް ޖަމާއަތުން ބަލި ގަބޫލުކޮށް، ހަތިޔާރު ބަހައްޓަންދެން މި ހަމަލާތައް ހުއްޓާލާނެ ކަމަކަށް ނުފެނޭ،" އޭއެފްޕީގެ ނޫސްވެރިއަކު ބުނެފައިވެއެވެ.
ޣައްޒާގައި ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމާއި އެހެނިހެން ފިއްތުންތަކުގެ ސަބަބުން މިހާތަނަށް އެތައް ބަޔަކު ވަނީ މަރުވެފައެވެ. މި ހާލަތުގައި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކުއްލި މައްސަލައެއްގެ ގޮތުގައި އޭއެފްޕީން ދެކޭ ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.
ރިއެކްޓް



