ޑެލްޓާ އެއާލައިންގެ މަތިންދާބޯޓެއްގައި އަލިފާން ރޯވެއްޖެ

އެޓްލާންޓާއަށް ދަތުރުކުރަމުންދިޔަ ޑެލްޓާ އެއާލައިންސްގެ ފްލައިޓެއްގެ އެއް އިންޖީނުގައި އަލިފާން ރޯވެއްޖެއެވެ.
ބޮއިން 767-400 މަރުކާގެ މި މަތިންދާ ބޯޓު ލޮސް އެންޖެލިސްގެ މަތީގައި އުދުހެމުންދަނިކޮށް، ބޯޓުގެ ވާތު އިންޖީނުން އަލިފާން ރޯވަމުންދާ މަންޒަރު ފެނިގެން ދިޔައެވެ. ނަމަވެސް ޑެލްޓާ ފްލައިޓް 446 ބޯޓު ރައްކާތެރިކަމާއެކު އެނބުރި ޖެއްސުމަށްފަހު އިތުރު އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ޑެލްޓާގެ ތަރުޖަމާނު ވިދާޅުވީ، "ޑެލްޓާ ފްލައިޓް 446 ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެނބުރި ލޮސް އެންޖެލިސްއަށް ދިޔައީ މަތިންދާބޯޓުގެ ވާތު އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން"ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަން ފާހަގަކުރެވެއެވެ. އަދި ބޯޓު ޖެއްސުމާއެކު ރަންވޭގައި ހަރަކާތްތެރިވި ފަޔަރ ކްރޫއިން އަލިފާން ނިއްވާލާފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. މި މައްސަލަ ބެލުމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ ތަހުގީގެއް ފަށައިފައެވެ.
ގާތްގަނޑަކަށް 25 އަހަރު ވެފައިވާ މި މަތިންދާ ބޯޓަކީ ޖެނެރަލް އިލެކްޓްރިކް ސީއެފް6 ގެ ދެ އިންޖީނު ހަރުކުރެވިފައިވާ ބޮއިންގ މަތިންދާބޯޓެކެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލު ލިބުމުން އާންމުކުރާނެ ކަމަށް އެފްއޭއޭ އިން ބުނެފައިވެއެވެ.
ރިއެކްޓް



