ތެޔޮ ބޭނުންކުރުން މަދުކުރުމަށް ތައިލެންޑާއި ވިއެޓްނާމްގެ މުވައްޒަފުން ގެއިން މަސައްކަތްކުރަނީ
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން ތައިލެންޑާއި ވިއެޓްނާމްގެ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް (ވޯކް ފްރޮމް ހޯމް) އެ ގައުމުތަކުގެ ސަރުކާރުން އަންގައިފިއެވެ. މި ފިޔަވަޅަކީ ހަކަތަ ބޭނުންކުރާ ވަރު ކުޑަކުރުމަށް އެޅި އަވަސް ފިޔަވަޅެކެވެ.
ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މަސައްކަތްތެރިން ވީހާވެސް ގިނައިން ރިމޯޓްކޮށް މަސައްކަތް ކުރުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން ހަކަތަ އިގްތިސާދު ކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުގެ އެއާކޮންޑިޝަންތައް 26 ސެލްސިއަސް އަށް ސެޓް ކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ގައުމުން ބޭރަށް ކުރާ ދަތުރުތައް މަދުކުރުމަށް ވެސް އޮފިޝަލުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ވިއެޓްނާމް ސަރުކާރުން ވެސް ވަނީ ތެލުގެ ދަތިކަން ހައްލުކޮށް، އެތެރޭގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ގައުމުން ބޭރުކުރާ ގިނަ ތެޔޮ އުފެއްދުންތަކުން ނަގާ ޑިއުޓީ މިހާރު ވަނީ އުވާލާފައެވެ. އަދި ތެލަށް އޮންނަ ޑިމާންޑް ކުޑަކުރުމަށްޓަކައި، އެކަށީގެންވާ ކޮންމެ ވަގުތެއްގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް ކުންފުނިތަކަށް ވަނީ ބާރުއަޅާފައެވެ.
މީގެ އިތުރުން، އަމިއްލަ އުޅަނދުފަހަރު ބޭނުންކުރުން މަދުކޮށް، އޭގެ ބަދަލުގައި ޕަބްލިކް ޓްރާންސިޓް، ބައިސްކަލް ނުވަތަ ކާޕޫލް (އެއް އުޅަނދެއްގައި ގިނަ ބަޔަކު ދަތުރުކުރުން) ފަދަ ގޮތްތައް އިހުތިޔާރު ކުރުމަށް ވިއެޓްނާމް ސަރުކާރުން ވަނީ ރައްޔިތުންނަށް ލަފާދީފައެވެ.
މި ބަދަލުތައް ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަލާތަކާ ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު އީރާންގެ ރިވޮލިއުޝަނަރީ ގާޑް ފޯސްއިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންނެވެ. މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
މިހާރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 114 ޑޮލަރުގައެވެ. ކަމާބެހޭ މާހިރުން ލަފާކުރާ ގޮތުގައި ހަނގުރާމަ ދިގުލައިގެންދާ ނަމަ، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު މިއަށްވުރެ ވެސް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ.






ރިއެކްޓް