ތެޔޮގެ އަގު ހިފެހެއްޓުމަށް ކުއްލި ހާލަތުގައި ބޭނުންކުރާ ތެލުގެ ރިޒާވް ދޫކޮށްލުމަށް ޖީ7 އިން މަޝްވަރާކުރަނީ
މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވެ، ތެޔޮ ސަޕްލައި ކުރުމަށް ބުރޫއަރައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ގްރޫޕް އޮފް ސެވަން (ޖީ7) ގެ ގައުމުތަކުގެ ލީޑަރުން، އެ ގައުމުތަކުގެ ސްޓްރެޓީޖިކް ރިޒާވްއިން 400 މިލިއަން ފީފާއާ ހަމައަށް ތެޔޮ ދޫކޮށްލުމާ މެދު ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރުތައް ހަމައަކަށް އެޅުވުމުގެ މަގްސަދުގައި އެޅިދާނެ ކުއްލި ފިޔަވަޅަކާ ބެހޭގޮތުން ޖީ7 ގެ ގައުމުތަކުގެ އޮފިޝަލުން ދަނީ އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) އާއެކު މަޝްވަރާ ކުރަމުންނެވެ. މި ހުށަހެޅުމުގައި ހިމެނެނީ ސިނާއީ ގޮތުން ކުރިއަރާފައިވާ ބޮޑެތި އިގްތިސާދުތަކުން ރައްކާކޮށްފައިވާ ކުއްލި ހާލަތުގައި ބޭނުންކުރާ ތެލުގެ ރިޒާވް ބޭނުންކުރުމެވެ.
މި މަޝްވަރާތައް ކުރިއަށްދަނީ އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ސަޕްލައި ކުރުމަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، އަދި މެދުއިރުމަތީގެ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކަށް، ހާއްސަކޮށް ދުނިޔޭގެ ތެޔޮ އުފުލާ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ސްޓްރެއިޓް އޮފް ހޯމްޒްއަށް އޮތް ނުރައްކާ ބޮޑުވުމުގެ ސަބަބުން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ.
މި މިންވަރަށް ތެޔޮ ދޫކޮށްލުމަކީ ފަހުގެ ތާރީހެއްގައި ތެލުގެ ބާޒާރަށް ކުއްލި ހާލަތުގައި ގެނެވޭ އެންމެ ބޮޑު އެއް ބަދަލަށް ވާނެ އެވެ. އައި.އީ.އޭގެ މެންބަރު ގައުމުތަކުން ބަލަހައްޓާ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވްތަކަކީ ހާއްސަކޮށް މިފަދަ ކާރިސާތަކުގައި، ސަޕްލައިއަށް އަންނަ ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށާއި އަގުތައް އިންތިހާއަށް އުފުލުނު ނުދީ ހިފެހެއްޓުމަށް ފަރުމާކޮށްފައިވާ ރިޒާވްތަކެކެވެ.
ނަމަވެސް، އޮފިޝަލުން ބަޔާންކުރައްވާ ގޮތުގައި މިކަމުގައި އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި މި ހުށަހެޅުން އޮތީ މަޝްވަރާގެ މަރުހަލާގަ އެވެ. ބާޒާރަށް ތެޔޮ ދޫކުރުމުގެ ކުރިން ޖީ7 ގެ ގައުމުތަކާއި އައި.އީ.އޭގެ އެހެން މެންބަރުންގެ މެދުގައި އެއްބަސްވުމަކަށް އަންނަން ޖެހޭނެ އެވެ.






ރިއެކްޓް